ޚަބަރު

"ތަރައްޤީގެ އަނެއް ފަރާތުގައިވަނީ ދިމާވާ ގޮންޖެހުންތައް"


ކުރިއެރުމާއި ތަރައްޤީގެ އަނެއްފަރާތުގައި ވަނީ ހަމަތަކާއި އުޞޫލުތައް ހިފެހެއްޓުމަށް ދިމާވާ ގޮންޖެހުންތައް ކަމަށް އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި މުޅިން އަލަށް ބާއްވާ އެކައުންޓެންޓްސް ފޯރަމު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވިދާޅުވީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމާއި ގުޅިގެން، ދައުލަތުގެ އާމްދަނީ އިތުރު ވުމުގެ އިތުރަށް، ދައުލަތް ހިންގުމަށާއި، އިޖުތިމާޢީ ޚިދުމަތްތައް ދިނުމަށާއި، އިޤްތިޞާދު ހިފެހެއްޓުމަށް ކުރަންޖެހޭ ޚަރަދުތައް ވެސް އިތުރުވެގެން ގޮސްފާވާ ކަމަށެވެ. މިއާއެކު، މާލީ ބާޒާރާއި، ރިއަލް އިކޮނަމީ ވެސް ކުރިއަރަމުން އަންނަކަމަށް އޮޑިޓަރ ޖެނަރަލް ފާހަގަކުރެއްވިއެވެ.

މިފަދަ  ކުރިއެރުން ތަކުގެ އަނެއްފަރާތުގައި ވަނީ، ހަމަތަކާއި އުޞޫލުތައް ހިފެހެއްޓުމަށް ދިމާވާ ގޮންޖެހުންތައް ކަމަށާއި، މިގޮތުން، ހަމަތަކާއި އުޞޫލުތައް ހިފަހައްޓާ، ކަންކަން ބޮއްސުން ލައިގެން ދިޔަ ނުދިނުމަށް، ޤާބިލު ފަންނުވެރިން އުފައްދައި، ޚިދުމަތަށް ނެރުމުގެ މުހިންމުކަން އޮޑިޓަރ ޖެނަރަލްގެ ވަނީ ފާހަގަކުރައްވާފައެވެ.

އެކައުންޓެންޓްސް ފޯރަމަކީ އޮޑިޓަރ ޖެނަރަލްގެ އޮފީހުން އިސްނަގައިގެން އޮޑިޓިންގ ޕްރޮފެޝަނުގައި މަސައްކަތްކުރާ ދިވެހީންނަށް އަމާޒުކޮށްގެން 3 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ ފޯރަމެކެވެ. މި ފޯރަމްގެ ފުރަތަމަ ދުވަހު އޮންނާނީ ވިޔަފާރިއާއި އިޤްތިޞާދުގެ ތަޖުރިބާކާރުންގެ ތެރޭގައި ހިމެނޭ ފުންނާބު އުސް ބައެއް ބޭފުޅުންގެ ފަރާތުންގެ މަޢުލޫމާތު ދިނުމުގެ ޙާއްޞަ ސެޝަންތަކެކެވެ.