ޚަބަރު

އަނަސްއަށް ހަމަލާދީ މަރާލި މީހުން ވަނީ ހައްޔަރު ކުރެވިފަ- ޕޮލިސް


ތޫނު އެއްޗަކުން ހަމަލާދީ މަރާލި މުޙައްމަދު އަނަސް މަރާލުމުގައި ބައިވެރިވި އެންމެންވެސް ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ އަނަސްގެ މަރާގުޅިގެން ތުހުމަތު ކުރެވޭ 8 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާކަމަށެވެ. މީގެ ތެރޭގައި އަނަސް އަށް ހަމަލާދިން 4 މީހުންނާއި އެމީހުން ސައިކަލްތަކުގައި އެ ސަރަހައްދަށް ގެންގޮސްދިން 4 މީހުންވެސް ހިމެނޭކަމަށެވެ. މީގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކުވެސް ހިމެނޭކަމަށް ފުލުހުން މައުލޫމަތުދެއެވެ.

މި މީހުންގެ ތެރެއިން ބައެއް މީހުން މޫނު ނިވާކޮށްގެންތިބިނަމަވެސް މި އެންމެންވެސް ދެނެގަނެވިފައިވާކަމަށާ، މިހާރު މި މީހުންގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

tw:https://twitter.com/PSMnewsmv/status/925326778951798785

ފުލުހުން ބުނީ އަނަސް މަރާލާފައިވަނީ ޖުލައި 31 ވަނަ ދުވަހުގެރޭ 21:09ގައި ހަނދުވަރުދޭ ގޯޅީގެ ތެރޭގައި ހުރި ސައިކަލެއްގެ މަތީގައި އަނަސް އިންދާ، އެ ގޯޅިތެރޭގައި ގުރޫޕަކަށް ނިސްބަތްވާ ބަޔަކު ތިބިކަން އެނގިގެން އެމީހުންނަށް ހަމަލާދޭން ދިޔަ ބަޔަކު ފެނުމުން އަނަސް ދުވެފައިގޮސް ލިޓަސް ގަރާޖުގެ ތެރެއަށް ވަދެހުއްޓާ، އޭނާއަކީ އެތަނަށްދިޔަ މީހުން ހަމަލާދޭންދިޔަ ގުރޫޕްގެ މީހެއްކަމަށް ހީކޮށް ކަމަށް ތަހުގީގަށް އެނގިފައިވާކަމަށެވެ. އަދި މި މީހުން އެސަރަހައްދަށް ގޮސްފައިވަނީ ހާމަކަން ބޮޑުގޮތެއްގައި ވަޅި ހިފައިގެން ކަމަށްވެސް ފުލުހުން ބުނެއެވެ. އަނަސްއަށް ހަމަލާދޭން ދިޔަ 8 މީހުން އެތަނަށް ގޮސްފައިވަނީ 4 ސައިކަލެއްގައި ކަމަށާ، އަނަސްއަށް ހަމަލާދިނީ މީގެ ތެރެއިން 4 މީހެއްކަމަށްވެސް ފުލުހުން ބުނެއެވެ.

މި މާރާމާރީއަކީ ދެ ބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ހިންގި މާރާމާރީއެއް ކަމަށްވެސް ފުލުހުން ބުނެއެވެ. 

މި މާރާމާރީގައި އަނަސްގެ ހަށިގަނޑުގެ 25 ތަނަކަށް ހަމަލާދީފައިވާއިރު، އޭނާއަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން ބުނެއެވެ.