ޚަބަރު

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފި


ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް މިއަހަރު ދިނުމަށް ކަނޑައެޅި ފައިސާ ފިނޭންސް މިނިސްޓްރީން ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޕާޓީތަކަށް ފައިސާ ދޫކޮށްފައިވަނީ މިދިޔަ ހަފްތާގެ ކުރީކޮޅުކަމަށެވެ. ދައުލަތުގެ ބަޖެޓުން މިއަހަރު ޕާޓީތަކަށް ދޫކުރާ ފައިސާއިން އެންމެ ގިނަ ފައިސާ ލިބިފައިވަނީ އެންމެ ބޮޑު އަދި އެންމެ މެމްބަރުން ގިނަ ޕީޕީއެމަށެވެ. އެޕާޓީއަށް ދިހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީއަށް ލިބިފައިވަނީ ހަތެއް ޕޮއިންޓް ހަތަރެއް މިލިއަން ރުފިޔާއެވެ. 

ސަރުކާރުގެ ކޯލިޝަން ބައިވެރިޔާ އެމްޑީއޭއަށް ދޭއް ޕޮއިންޓް ހަތެއް މިލިއަން ރުފިޔާ ލިބިފައިވާއިރު ސަރުކާރާއި ދެކޮޅު ޖުމްހޫރީ ޕާޓީއަށްވެސް ލިބިފައިވަނީ ދޭއް ޕޮއިންޓް ހަތެއް މިލިއަން ރުފިޔާއެވެ. ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށްފައިނުވާތީ އެ މައްސަލަ ބަލައިދިނުމަށް އެދި އިދިކޮޅު އެމްޑީޕީން އެ މައްސަލަވަނީ ސިވިލް ކޯޓަށްވެސް ހުށައަޅާފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޫކުރާ ފައިސާ ލިބޭނީ ދިހަހާސް މީހުން މެމްބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ. އެހެންކަމުން އަދާލަތު ޕާޓީ އަދި ޑީއާރްޕީއަށް ދައުލަތުގެ ބަޖެޓުން މި އަހަރު އެއްވެސް ފައިސާއެއް ދޫކޮށްފައެއް ނުވެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ސިޔާސީ ޕާޓީތަކަށް ދޭންޖެހެއެވެ.