ޚަބަރު

ކަނބަލުންގެ މަހާސިންތާ ނިންމާލައިފި


އަންހެން ލީޑަރުން ތަމްރީނު ކުރުމުގެ ގޮތުން ބޭއްވި ކަނބަލުންގެ މަހާސިންތާ ނިންމާލައިފިއެވެ.

ދަރުބާރުގޭގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި މަހާސިންތާ ނިންމާލީ އެކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އިސްނަންގަވައިގެން ކުރިއަށް ގެންދިޔަ މި މަހާސިންތާގައި އެކި އަތޮޅުތަކުން ތިންހާހަށްވުރެ އަންހެން ކަނބަލުން ބައިވެރިވެފައިވެއެވެ.

މި މަހާސިންތާއަކީ އަންނަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމުގެ ގޮތުން އަންހެން ކަނބަލުންނަށް ކުރެވޭނެ މަސައްކަތްތައް ދަސްކޮށްދީ އެކަން ކަމަށް ކަނބަލުން އަހުލުވެރި ކުރުވުމަށް ބޭއްވި މަހާސިންތާއެކެވެ.

މި މަހާސިންތާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދައުލަތުގެ ވަޒީރުން ވަނީ މަހާސިންތާގެ ބައިވެރިންނަށް މުހިއްމު މަޢުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ. ޚާއްސަ ގޮތެއްގައި ލީޑަރުންނަކީ ކޮބައިކަމާއި ލީޑަރުންގެ ކިބައިގައި ހުންނަންޖެހޭނެ ސިފަތަކަކީ ކޮބައިކަން މި މަހާސިންތާގެ ބައިވެރިންނަށް ވަނީ ހިއްސާކޮށްފައެވެ.

ކެމްޕެއިން ލީޑަރުން ތައްޔާރުކުރުމަށް އަންހެން ކަނބަނލުންގެ ޚާއްސަ މަހާސިންތާއެއް ބޭއްވިއިރު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އޮފީހުން މީގެ ކުރިންވެސް ކެމްޕެއިން ލީޑަރުން ތަމްރީނުކުރުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި މަހާސިންތާތައް ބާއްވާފައިވެއެވެ.