2008 ވަނަ އަހަރު ޤާނޫނު އަސާސީ ތަސްދީޤު ކުރިއިރު އިންތިޤާލީ މަރުޙަލާއެއް ގެނައުމަށް ކުރި މަސައްކަތްތަކާ ދެކޮޅަށް އަޑުއުފުލި ފަރާތްތަކުން މިއަދު އިންތިޤާލީ މަރުޙަލާއެއް ނުވަތަ އިންތިޤާލީ ވެރިއަކު އިންތިޚާބު ކުރުމަށް ގޮވާލުމުން އެއީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ކަނބަލުންގެ މަހާސިންތާ ފެށުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އިސްނަންގަވައިގެން ފެށްޓެވި ކަނބަލުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ކުރީގެ ބަންޑާރަ ނާއިބު އަދި މަޝްހޫރު ޤާނޫނީ ވަކީލާ ޢާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ މިއަދު ރާއްޖޭގައި އިންތިޤާލީ މަރުޙަލާއެއް ނުވަތަ އިންތިޤާލީ ވެރިއަކު އިންތިޚާބު ކުރުމުގެ އެއްވެސް މާނައެއް ނެތް ކަމަށެވެ. އެއީ ރާއްޖޭގައި އެފަދަ ޙާލަތެއް ނެތުމުން ކަމަށް އާޒިމާ ވިދާޅުވިއެވެ. އާޒިމާ ވިދާޅުވީ 2008ވަނަ އަހަރު ޤާނޫނު އަސާސީ ތަސްދީޤް ކުރިއިރު ރާއްޖޭގައި އިންތިޤާލީ މަރުޙަލާއެއް ގެންނަންޖެހޭ ކަމަށް ޚުދު އެކަމަނާ ވަކާލާތު ކުރެއްވި ކަމަށެވެ. ނަމަވެސް މިއަދު އިންތިޤާލީ މަރުޙަލާއެއް ގެންނަންޖެހޭ ކަމަށް ވަކާލާތު ކުރައްވާ ބޭފުޅުން އެދުވަހު އެކަން ކުރުމަށް ދެކޮޅު ހެއްދެވީ ޤާނޫނު އަސާސީގެ ފޮނި މީރުކަން ކަނޑުވާލަން އުޅޭ ކަމަށްބުނެ ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ރާއްޖެއަށް ގެންނަމުންދާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ ބޮޑެތި ގޮންޖެހުންތަކާއި އެކުގައި ކަމަށެވެ. ނަމަވެސް އެ ގޮންޖެހުންތަކާއި އެކުވެސް ސަރުކާރުން އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ޙާޞިލްކުރަމުން ކަމަށް އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ޝަކޫރު ވިދާޅުވީ ސަރުކާރަކީ ޤައުމެއް ހިންގުމުގެ އެންމެ ބާރުވެރި ފަރާތް ކަމަށެވެ. ގޮންޖެހުންތަކާއި އެކުވެސް ސަރުކާރެއް ހިންގަންޖެހޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސަރުކާރަކަށް ގޮންޖެހުންތައް ކުރިމަތިކުރުވާ ފަރާތްތަކަށް ޖާގަ ދިނުމަށްފަހު ފަސް އެނބުރޭ ފަރާތްތަކަކަށް ސަރުކާރެއް ނުހިންގޭނެ ކަމަށެވެ. އަދި އެފަދަ ކަމެއް ކުރާ ބަޔަކަށްވެސް ސަރުކާރެއް ހިންގަން ތިއްބެވި ބޭފުޅުން ވެގެންނުވާނެ ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވި ގޮތުގައި މި ސަރުކާރަކީ ކެރިގެން ޤާބިލްކަމާއިއެކު އުނދަގޫ ކަންކަން ތަޙައްމަލު ކުރާ ސަރުކާރެއް ކަމަށެވެ.
ކަނބަލުންގެ މަހާސިންތާގައި އާޒިމާ ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި އަންހެން ކަނބަލުން މަސައްކަތް ކުރަންވީ ކީއްވެކަމާއި އަދި ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވުމަށް އަންހެން ކަނބަލުންނަށް ކުރެވޭނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ.