ޚަބަރު

ހުށަހެޅިގޮތަށް ސަޕްލިމެންޓްރީ ބަޖެޓް, ކޮމިޓީން ފާސްކޮށްފި


ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 493 މިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓް ސަރުކާރުން ހުށަހެޅި ގޮތަށް ސަޕްލިމަންޓްރީ ބަޖެޓް ދިރާސާކުރާ ކޮމެޓީން ފާސްކޮށްފިއެވެ.

އެ ބަޖެޓް ކޮމެޓީން ފާސްކުރީ ޖުމްލަ 13 މެމްބަރުންގެ ވޯޓާއިއެކުގައެވެ. އޭގެތެރޭގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފާއި ކޮމަންޑޫ ދާއިރާގެ މެމްބަރ އަޙްމަދު ނާޝިދުވެސް ހިމެނިވަޑައިގަންނަވައެވެ.

ސަރުކާރުން ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓް ކޮމެޓީން ފާސްކޮށްފައިވާއިރު އެ ބަޖެޓާއި ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ އާއި އޮޑިޓަރ ޖެނަރަލް ދެކިވަޑައިގަންނަވާ ގޮތް ލިއުމުން ވަނީ ހޯއްދާފައެވެ.

ސަރުކާރުން ހުށަހެޅި 493 މިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓްގެ ތެރޭގައި ހިމެނޭ މުހިއްމު ކަންތައްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަންތައް ބޭއްވުމަށް 26 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ސިއްޙީ ދާއިރާއިން ދެމުންގެންދާ ޚިދުމަތްތައް މެދު ނުކެނޑި ކުރިއަށް ގެންދިއުމަށް 330 މިލިއަން ރުފިޔާ ސަޕްލިމަންޓްރީ ބަޖެޓްގައި ހިމަނާފައިވާއިރު ކާޑެއްދޫ އެއާޕޯޓް ހިންގުމާ ސަރުކާރުން ހަވާލުވުމާ ގުޅިގެން ހިމަނާފައިވާ 40 މިލިއަން ރުފިޔާވެސް އެ ބަޖެޓްގައި ހިމަނާފައިވެއެވެ. އަދި ސްކޫލް ޑިޖިޓަލައިޒޭޝަން މަޝްރޫއުތަކަށް ބޭނުންވާ 70 މިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ހަރަދުތަކަށް 27 މިލިއަން ރުފިޔާވެސް ސަޕްލިމަންޓްރީ ބަޖެޓްގައި ހިމަނާފައިވެއެވެ.