ތަރައްްޤީ

29 ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމިއްޖެ!


ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާއި، ނަރުދަމާގެ މައްސަލަ ޙައްލު ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ބާރު ދުވެލީގައި ކުރައްވަމުންނެވެ. އެގޮތުން ފާއިތުވި ތިން އަހަރުގެ ތެރޭގައި ސަރުކާރުންވަނީ ޖުމްލަ 29 ރަށެއްގެ ގޮނޑުދޮށް ދެމެހެއްޓެނިވި ގޮތެއްގައި ޙިމާޔަތްކުރުމުގެ މަސައްކަތްކޮށް ނިންމާފައެވެ.

އެގޮތުން މިއަދުވަނީ ރ. މަޑުއްވަރީގެ ނަރުދަމާގެ ޚިދުމަތާއި، ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ނިންމުން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ. މި މަޝްރޫޢުތައް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމެވެ.

މަޑުއްވަރީގެ ނަރުދަމާގެ މަސައްކަތް ކުރީ މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އިންނެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ދެހާސް ސާދަވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ވިހީގައި ފެށުމަށްފަހު މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ހަތަރުވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން ދެ ޕަމްޕް ސްޓޭޝަނާއި، 8.4 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމުކޮށްފައިވާއިރު، ނަޖިސް ބޭރުކުރުމަށްޓަކާ ރަށުގެ އެއްގަމު ތޮށިން ފެށިގެން 226 މީޓަރުގެ ދުރު ރާސްތާއަކަށް ސީ އައުޓްފޯލް ހޮޅި އަޅާފައިވެއެވެ. މި މަޝްރޫޢަކީ ދިވެހި ދައުލަތުގެ ބަޖެޓުން 49 މިލިޔަން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ސަބަބުން މަޑުއްވަރީގެ 351 ގޭބިސީއަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް އެންވަޔަރުމެންޓް މިނިސްޓްރީން ބުނެއެވެ. އަދި ނަރުދަމާގެ ނިޒާމް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.

މަޑުއްވަރީގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރުމަށް 2014 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާ، މަސައްކަތްކުރުމަށް ރަސްމީކޮށް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ 4 ސެޕްޓެމްބަރު 2014 ވަނަ އަހަރުއެވެ. އަދި 2015 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 1 ވަނަ ދުވަހު މި މަޝްރޫއުގެ ޢަމަލީ މަސައްކަތް ވަނީ ނިންމާލާފައެވެ.

މި މަޝްރޫޢުގެ ދަށުން މަޑުއްވަރީ ގިރާ ސަރަޙައްދުގައި 10187.50 ކޮޑިމީޓަރުގެ ވެލި އަޅައި 890 މީޓަރު ދިގުމިނަށް ބޮޑު ހިލައިގެ ރިވެޓްމަންޓްޖަހައި އެ ސަރަޙައްދުވަނީ ހިމާޔަތްކޮށްފައެވެ. ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްދިޔަ މި މަޝްރޫޢަށް 29 މިލިއަނަށްވުރެ ގިނަ ރުފިޔާ ޙަރަދުކޮށްފައިވެއެވެ.

ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަކީ އޭގެ ސަބަބުން އެރަށްތަކުގައި ދިރިއުޅޭ އާބާދީއާއި، އާންމު ފަރުދުންގެ މުދަލާއި، ގޯތި ގެދޮރުގެ ރައްކާތެރިކަމަށް އަސަރުކުރާ ކަމެކެވެ. އަދި ހަމައެހެންމެ ރައްޔިތުންނަށް ދުޅަހެޔޮ މުސްތަޤްބަލެއް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ ޙާއްސަ އަހައްމިޔަތުކަމެއް ދެއްވައިގެން ރަށްރަށުގައި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތާއި، ރަށްގިރުމުގެ މައްސަލަތައް ޙައްލުކުރުމަށް ބާރުދުވެލީގައި މަސައްކަތްކުރަމުންނެވެ. އަދި ސަރުކާރުގެ އަމާޒަކީ މިދައުރު ނިމެންވާއިރަށް އާބާދީގެ %75 މީހުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމެވެ.