ތަރައްްޤީ

ފައިނު ބަނދަރާއި، ގޮނޑުދޮއް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމިއްޖެ


ރ.ފައިނު ބަނދަރާއި، ގޮނޑުދޮއް ހިމާޔަތްކުރުމަށް ހިންގި މަސްރޫޢު ނިންމާ މި ދެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާހް ކޮށްދެއްވައިފިއެވެ.

ރ އަތޮޅުގެ ބައެއް ރައްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފައިނަށް ވަޑައިގަތީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އެމަނިކުފާނު ފައިނަށް ވަޑައިގަތުމުން ފައިނުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މި ދެ މަޝްރޫޢު އިފްތިތާހް ކޮށްދެއްވާ ފައިނުގެ ރައްޔިތުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފައިނުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން މިސަރުކާރުން ފަހިކޮށްދެއްވާނެކަމަށެވެ.

އާބާދީ ކުޑަނަމަވެސް އެއްވެސް ރަށަކަށް މި ސަރުކާރުން ތަފާތު ނެގެންގުޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިސަރުކާރުން ކުރަމުންގެންދާ އެންމެ މުހިންމު އެއް މަސައްކަތަކީ އިންސާނީ ވަސީލަތް ތަރައްޤީކުރުންކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މާދަމާ ރާއްޖޭގެ ތަރައްޤީއަށް މުހިންމު ފިޔަވަޅެއް އެޅިގެންދާނެކަން ފާހަގަކުރެއްވިއެވެ. އެގޮތުން މަހާ ޖައްރާފް މާދަމާ ކުޅުއްދުއްފުށީ ބަނދަރުގައި ބަނދަރު ކުރާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މީގެ ސަބަބުން ތަރައްޤީގެ މަޝްރޫއުތައް ހަލުވިވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސް ވަނީ، ޤައުމަށް ތަރައްޤީ ގެނެސްދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ބައިވެރިވަޑައިގަތުމަށް އިނދިކޮޅު މެންބަރުންނަށް ދައުވަތުދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ވަޒީރުންނާއި ރައްޔިތުންގެ މަޖްލީހުގެ ބައެއް މެމްބަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މިއަދު ހަވީރުގެ ވަގުތެއްގައި ރ. މީދޫއަށް ވަޑައިގެން ބައެއް ތަރައްޤީގެ މަޝްރޫޢުތައް އިފްތިތާހް ކޮށްދެއްވާނެއެެވެ.