ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް އައްޑޫ ސިޓީގެ ފޭދޫގައި ދިރިއުޅޭ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ބައްދަލުކުރައްވައި އެމީހުންގެ ހާލު ބައްލަވާލައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި އެކަމަނާވަނީ ވަކިވަކި މީހުންނާ ބައްދަލުކުރައްވާ އެމީހުންނަށް ދަތިވެފައިވާ ކަންތައްތައް އޮޅުންފިލުއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ގިނަ އަދަދެއްގެ އާންމުންވެސް ބައިވެރިވެފައިވެއެވެ.
ރައީސްގެ އަނބިކަނބަލުން އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެކަމަނާވަނީ ރޭ ފޭދޫގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމަށް ވަޑައިގަތުމުން، އެކަމަނާއަށް ފޭދޫގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެކަމަނާއާ ބައްދަލުކުރެއްވުމަށް ފޭދޫގެ ގިނަ އަދަދެއްގެ އާންމުން ޖަމާވިކަން ފާހަގަކޮށްލެވެއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސްގެ އަނބިކަބަލުންވަނީ ފޭދޫގެ ރައްޔިތުންގެ ތެރެއިން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެރަށުގެ އިސްރަށްވެހިންނާ ބައްދަލުކުރައްވާ ހާލު ބައްލަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެކަމަނާ ވަނީ މަރަދުއާއި މަރަދޫފޭދޫގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި އެކަމަނާވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އިސްރަށްވެހިންނާއި ރަށްރަށުގެ އަންހެންކަނބަލުންނާއި ސަރުކާރު އިދާރާތަކުގެ އިސްރަށްވެހިންނާވެސް ބައްދަލުކުރައްވާފައެވެ.
އެކަމަނާ އައްޑޫ ސިޓީއަށް ކުރައްވާ މި ދަތުރުފުޅަކީ އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ ޙާލުއަހުވާލު ގާތުން ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
އެކަމަނާއަށް އައްޑޫ ސިޓީއަށް ވަޑައިގަތުމުން ރައްޔިތުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.