ޚަބަރު

ޕީޕީއެމްގެ ބޮޑު ޖަލްސާއެއް މިރޭ އައްޑޫ ސިޓީގައި އޮންނާނެ


ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްގެ ބޮޑު ޖަލްސާއެއް އައްޑޫ ސިޓީގައި މިރޭ އޮންނާނެއެވެ. 

އައްޑޫސިޓީ ހިތަދޫގައި ސްޓޭޖް ސަރަހައްދުގައި މިރޭ އޮންނަ ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ބައިވެރިވެވަޑައިގަންނަވާނެއެވެ. ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްގެ ޚާއްސަ ޖަލްސާއެއް އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވަނީ މިދިޔަ ބުރާސްފަތި ދުވަހު އައްޑޫ ސިޓީއަށް ވަޑައިގެންފައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އައްޑޫ ސިޓީއަށް ކުރައްވާ މިދަތުރުފުޅަކީ އެކަމަނާ ފައްޓަވާފައިވާ އެންމެގާތުން ޝިޢާރުގެ ދަށުން ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެކަމަނާ ވަނީ ހިތަދޫއާ ހުޅުމީދޫއާއި މީދޫއަށް ވަޑައިގެން މިތިން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ ހާލު ގާތުން ބައްލަވާފައެވެ.

އައްޑޫ ސިޓީގައި ޕީޕީއެމްއިން ބާއްވާ ބޮޑު ޖަލްސާއަށް ޕީޕީއެމްއިން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ޕީޕީއެމްއިން އައްޑޫ ސިޓީ ހިތަދޫގައި ބާއްވާ ބޮޑު ޖަލްސާއަށް ވީހާވެސް ގިނަ އަދަދެއްގެ ފަރާތްތަކުން ވަޑައިގަތުމަށް ޕީޕީއެމްއިން އިލްތިމާސްކުރެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ޕީޕީއެމްއިން ވަނީ މާލޭގެ ކާނިވާ ސަރަހައްދުގައި "ތައްޔާރު" ނަމުގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ. އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބައިވެރިވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. 

އައްޑޫ ސިޓީގައި ޕީޕީއެމްއިން މިރޭ ބޮޑު ޖަލްސާއެއް ބާއްވަން ތައްޔާރުވަމުން އަންނައިރު ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އައްޑޫ ސިޓީގައި މިހާރުވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.