ތަރައްްޤީ

އދ. މަންދޫގެ ޖެޓީ ހެދުމުގެ ޢަމަލީ މަސައްކަތް ފަށައިފި


ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ އަރާ ފޭބުމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން މިހާތަނަށްވަނީ ގިނަ ރަށްތަކެއްގެ ބަނދަރުތައް ރަނގަޅު ފެންވަރަކަށް ހަދައި، ބައެއް ބަނދަރުތައް މަރާމާތުކޮށްފައެވެ. އަދި މީގެ ތެރެއިން ބައެއް ރަށްރަށުގައި ޖެޓީ ހެދުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް އެބަދެއެވެ.

ހައުސިން މިނިސްޓްރީން، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، 7 ރަށެއްގެ ޖެޓީ ހެދުމަށް ހަމަޖެހިފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން އދ. މަންދޫގައި ޖެޓީ ހެދުމަށް ބޭނުންވާ ތަކެތި އެރަށަށް ގެންގޮސްފައިވާއިރު، ޖެޓީ ހެދުމުގެ ޢަމަލީ މަސައްކަތް މި މަހުގެ 14 ވަނަ ދުވަހު ފަށާފައިވާކަމަށް އެމްއާރުޑީސީން ބުނެއެވެ.

img:http://s1.psmnews.mv/images/660x400/15083947280688.jpg|ވ.ރަކީދޫގެ ޖެޓީ ހެދުމުގެ މަސައްކަތް ކުރިއަށްދަނީ- ފޮޓޯ: ރަކީދޫ ކައުންސިލް

އެމްއާރުޑީސީން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ޖެޓީ ހެދުމަށް ހަމަޖެހިފައިވާ ރަށްތަކަކީ މ. ރަތްމަންދޫ، ވ. ރަކީދޫ، ވ.ފުލިދޫ، ބ. ފެހެންދޫ، ބ. ފުޅަދޫ، ރ. ރަސްގެތީމުގެ އިތުރުން އދ. މަންދޫއެވެ.

މިރަށްތަކުގެ ޖެޓީ ހެދުމުގެ މަސައްކަތް މިހާރު ފެށިފައިވާއިރު، މ. ރަތްމަންދޫއާއި ވ. ރަކީދޫ ޖެޓީގެ %73 މަސައްކަތް ވަނީ ނިމިފައެވެ. އަދި ފުލިދޫ ޖެޓީގެ %27 މަސައްކަތް ނިމިފައިވާއިރު، ބ. ފުޅަދުއާއި އެއަތޮޅު ފެހެންދޫ ޖެޓީގެ %45 މަސައްކަތް ވަނީ ނިމިފައެވެ. މީގެ އިތުރުން ރ. ރަސްގެތީމްގެ ޖެޓީ ހެދުމަށް ބޭނުންވާ ސާމާނު މިހާރު އެރަށަށް ގެންގޮސްފައިވާކަމަށް އެމްއާރުޑީސީން ބުނެއެވެ.

މި 7 ރަށުގެ ތެރެއިން 6 ރަށެއްގެ މަސައްކަތް ސަބްކޮންޓްރަކްޓަރާއި ޙަވާލުކޮށްގެން ކުރިއަށްގެންދާއިރު، އދ. މަންދޫ ޖެޓީ ހެދުމުގެ މަސައްކަތް ކުރަމުންދަނީ ސަބްކޮންޓްރެކްޓަރާކާއި ޙަވާލުނުކޮށެވެ.

ދައުލަތުގެ ބަޖެޓުން ސަތާރަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދާ މިމަޝްރޫޢު މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް އެމްއާރުޑީސީން ބުނެއެވެ.

މި މަޝްރޫޢުގެ އިތުރުން 67 ރަށެއްގައި ފުޓްސަލް ދަނޑު އެޅުމަށް އެމްއާރްޑީސީން މިހާރު ކުރިއަށްގެންދާ މަޝްރޫޢުގައި ހިމެނޭ އދ.ގެ ރަށްތަކުގެ ތެރެއިން އެއަތޮޅު އޮމަދޫއާއި ފެންފުށި ދަނޑުގެ ބޮޑުބައެއް ނިމިފައިވާކަމަށްވެސް އެކުންފުނިން ބުނެއެވެ.