ޚަބަރު

މިދިޔަމަހު މީރާ މެދުވެރިކޮށް ދައުލަތަށް 990 މިލިއަން ރުފިޔާ


މިދިޔަމަހު މީރާ މެދުވެރިކޮށް ދައުލަތަށް 990 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

މިއާއެކު މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީގެ އަދަދުވަނީ 11.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ، މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު، ހަތަރެއް ޕޮއިންޓް ތިނެއް އިންސައްތަ އިތުރު އަދަދެކެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާންމުކުރި މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެމަހު ލިބުނު 990 މިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރމަހު ލިބުނު އާމްދަނީއަށް ވުރެ 10.4 އިންސައްތަ ދަށް އަދަދެކެވެ. އަދި މިއީ ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށް ވުރެ 10.7 އިންސައްތަ ދަށް އަދަދެކެވެ.

މީރާއިން ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހާ އަޅާބަލާއިރު މިއަހަރުގެ ސެޕްޓެމްބަރުމަހު ލިބުނު އާމްދަނީގެ އަދަދު ދަށަށް ގޮސްފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި މީރާއަށް ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ބަލައިގަންނަ އެންމެ ފަހު ތާރީޚް އޮކްޓޫބަރުމަހުގެ އެކަކަށް ފަސް ކުރުމާއި ގުޅިގެނެވެ. ތާރީޙް ފަސްކޮށްފައިވަނީ ސެޕްޓެމްބަރުމަހު ސަރުކާރު ބަންދު ދުވަސްތަކެއް އައުމާއި ގުޅިގެން ކަމަށް މީރާއިން މައުލޫމާތުދެއެވެ.

މިދިޔަ މަހު ލިބުނު ނުވަސްތޭކަ ނުވަދިހަ މިލިއަން ރުފިޔާގެ ތެރެއިން ޑޮލަރުގެ ގޮތުގައި 44 މިލިއަން ލިބިފައިވެއެވެ.

ސެޕްޓެމްބަރުމަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީންނެވެ. އެއީ ޖުމްލަ އާމްދަނީގެ 48 އިންސައްތައެވެ. ސެޕްޓެމްބަރމަހު ޖީއެސްޓީގެ ގޮތުގައި 443 މިލިއަން ރުފިޔާ ލިބިފައިވެއެވެ.