ތަރައްްޤީ

އަގަށް ބަދަލު ގެނެސް ބިން ގަތުމުގެ ފުރުސަތު އަލުން ހުޅުވާލައިފި


މާލޭގެ 3 ސަރަޙައްދަކުން ވިއްކަން ނިންމާފައިވާ ބިންތަކުގެ އަގަށް ބަދަލުގެނެސް އެ ބިންތައް ގަތުމުގެ ފުރުސަތު ހައުސިންގ މިނިސްޓްރީން އަނެއްކާވެސް ހުޅުވާލައިފިއެވެ.

މީ މި ބިންތައް ގަތުމަށް ހުޅުވާލި ދެވަނަ ފުރުސަތެވެ. މާލެއިން 19 ބިމެއް ވިއްކަން މިދިޔަ އޮގަސްޓްމަހު ސަރުކާރުން އިއުލާންކުރިއިރު، އޭރު އެ ބިންތައް ވިއްކަން ނިންމާފައިވަނީ އަކަފޫޓަކަށް 15،000 ރުރިޔާގެ ރޭޓުންނެވެ. އެ މުއްދަތު މިދިޔަ މަހު ހަމަވުމުން އަލުން ބިންތައް ވިއްކަން ހުޅުވާލާފައިވަނީ އަކަފޫޓެއް 12،000 ރުފިޔާއަށެވެ.

ހައުސިންގ މިނިސްޓްރީން ވިއްކާލުމަށް އިއުލާންކޮށްފައިވާ ބިންތަކަކީ، އޯކިޑްމަގުގައި ހުންނަ މ. މާފަންނުއާގެއިން ދައުލަތަށް ނަގާފައިވާ ބައިން ތިން ބިމަކާއި، ބޮޑުތަކުރުފާނު މަގުގައި ހުންނަ ކުރީގެ ކުނިކޮށިން ހަ ބިމަކާއި، ވިލާ ކޮލެޖާ ޖެހިގެން އޮތް އެސްޓީއޯގެ ކޮންކްރީޓް މިކްސް ތައްޔާރުކުރާ ބިމުން 10 ބިމެކެވެ.

ހައުސިން މިނިސްޓްރީން  ބުނީ  ބިން ވިއްކާނީ ބިޑް އުސޫލުން ކޮންމެ އަކަފޫޓަކަށް އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށެވެ. އަދި އަގު ހުށަހެޅޭނީ މި މަހުގެ 16 އިން ފެށިގެން މި މަހުގެ ނިޔަލަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މާލެއިން ވިއްކުމަށް ހަމަޖެހިފައިވާ ބިންތައް ގަންނަ ފަރާތްތަކަށް އެބިންތައް ބޭނުންކުރެވޭނީ ދިރިއުޅުމަށާއި އޮފީސް ނުވަތަ ވިޔަފާރީގެ ބޭނުންތަކަށް ނުވަތަ ކުޅިވަރުގެ ހަރަކާތެއް ހިންގުމަށްކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި އެ ބިންތަކުގައި އިންޑަސްޓްރިއަލް އެއްވެސް މަސައްކަތެއް ނުކުރެވޭނެކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.