ޚަބަރު

7000 ފްލެޓް އެޅުމަށް ލޯން ގެރެންޓީއެއް ދޭން ސަރުކާރުން ނިންމައިފި


ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި އަޅާ 7000 ފްލެޓް އެޅުމަށް 368.9 މިލިއަން ޑޮލަރުގެ ލޯން ގެރެންޓީއެއް ޗައިނާ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ކޮމެޓީގެ މުޤައްރިރު އަޙްމަދު ނިހާން ހުސައިން މަނިކު ވަނީ ފިނޭންސް މިނިސްޓްރީން ކޮމެޓީއަށް ފޮނުވާފައިވާ ސިޓީ ކޮމެޓީ ބައްދަލުވުމުގައި އިއްވާފައެވެ. އެ ކޮމެޓީގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ އެ 7000 ހައުސިން ޔުނިޓަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ ފްލެޓްތަކެއްކަމަށެވެ.

އެގޮތުން އެ ފްލެޓްތައް އެޅުމަށް އިންޑަސްޓްރިއަލް ކޮމާޝަލް ބެންކް އޮފް ޗައިނާ (އައިސީބީސީ) އިން ނަގާ ލޯނަށް ސަރުކާރުން ގެރެންޓީ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މަސައްކަތަށް ޖުލްމަ ހިނގާނެ ކަމަށް ލަފާކޮށްފައި ވަނީ 434 މިލިއަން ޑޮލަރު ކަމަށްވެސް ނިހާން ވިދާޅުވިއެވެ. ނަމަވެސް ދައުލަތުން ގެރެންޓީ ދޭން ނިންމާފައިވަނީ ޕްރޮޖެކްޓުގެ ޖުމުލަ އަގުގެ %85 ކަމަށާއި އެއީ 368.9 މިލިއަން ޑޮލަރު ކަމަށް ނިހާން ވިދާޅުވިއެވެ.