ޚަބަރު

ރޯކޮށްލީ ޕީޖީގެ ކާރުކޮޅުގައި، މައްސަލަ ސީރިއަސްކޮށް ބަލާނަން


ޖަނަވަރީމަގުގައި ޕާކުކޮށްފައި އޮތްވާ ރޭ މެންދަމުގެ ވަގުތެއްގައި ރޯކޮށްލާފައިވަނީ ޕްރޮސެކިއުޓަރ ޖެނަރަލްގެ ކާރުކޮޅުގައިކަމަށާއި އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީޤްކުރަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ވިދާޅުވެއްޖެއެވެ. 

މިކަމާ ގުޅިގެން ފުލުހުން ނެރުއްވި ބަޔާނުގައި ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނަރަލްއަކީ ޖިނާޢީ އަދުލުގެ ނިޒާމުގައި ހިމެނޭ މުހިއްމު ފަރާތަކަށްވާއިރު، ޕީޖީގެ ކާރުކޮޅުގައި އަލިފާން ރޯކޮށްލުމުގެ އަމަލަކީ ޖިނާޢީ އަދުލުގެ ނިޒާމް ބަލިކަށިކޮށް، ޖިނާޢީ އަދުލުގެ ނިޒާމާމެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށްޓަކައި ކުރިމަތިކުރިވި ނުރައްކާތެރި އަމަލެއްކަމަށެވެ. އެހެންކަމުން އެމައްސަލަ ތަހްޤީޤްކުރުމަށް ޚާއްސަ ތަހުޤީޤީ ޓީމެއް އެކުލަވާލައި، ސީރިއަސް މައްސަލައެއްގެ ގޮތުގައި އެމައްސަލަ ތަހްޤީޤްކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިއަމަލު ހިންގުމުގައި ބައިވެރިވި ފަރާތްތައް ހޯދައި އެފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމުގެ ޔަޤީންކަން ފުލުހުންގެ ބަޔާނުގައި ދެއްވާފައިވެއެވެ. 

މީގެ އިތުރުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ހިންގާ މިފަދަ އަމަލުތައް ހުއްޓުވުމަށް ފުލުހުންނަށް ލިބިފައިވާ އެންމެހާ ޤާނޫނީ ބާރާއި ވަޞީލަތްތައް އޭގެ އެންމެ މަތީ ދަރަޖައަށް ބޭނުންކުރާނެކަމަށްވެސް ޕޮލިހުންގެ ބަޔާނުގައިވެއެވެ. 

ރޭ މެންދަމުން އަލިވެ 3 ޖަހަނިކޮށް ޖަނަވަރީ މަގުގައި އޮތް ޕްރޮސެކިއުޓަރ ޖެނަރަލްގެ ކާރުކޮޅުގައި އަލިފާން ރޯވުމާއި ގުޅިގެން ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަލިފާން ރޯވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެމްއެންޑީއެފުން ވަނީ އަލިފާން ނިއްވާލާފައެވެ.