ޚަބަރު

ލ.އަތޮޅުގައި މާދަމާ ބަހުގެ ޚިދުމަތް ފަށަނީ


ލ.އަތޮޅުގެ އެންމެ އާބާދީ ބޮޑު ދެ ރަށް ކަމުގައިވާ ގަމާއި ފޮނަދޫއާއި ދެމެދު ބަހުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ދަނީ އެންމެ ފަހުގެ ތައްޔާރީތައްވަމުންނެވެ. މި ހިދުމަތް ދިނުމަށް ބޭނުންވާ ހަތަރު ބަސް ފޮނަދޫއަށް ވަނީ ގެންގޮސްފައެވެ. ލ.އަތޮޅުގައި ބަހުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްއާއެވެ.  

އެމްޕީއެލުން ބުނީ ލ.އަތޮޅުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ފަންސާސް މީހުންގެ ޖާގައިގެ ދެބަހާއި، ތިރީސް މީހުންގެ ޖާގައިގެ ދެ ބަހެވެ. މި ބަސްތައް ލ.އަތޮޅުގެ ގުޅިފައިވާ ހަތަރުރަށް، ކަމަށްވާ ފޮނަދުއާ، ކައްދޫއާއި، މާންދޫ އަދި ގަމަށް ދަތުރުކުރާނެއެވެ.

ޕީ.އެސް.އެމާ ވާހަކަދައްކަވަމުން ފޮނަދޫ ކައުންސިލްގެ ރައީސް އަޙްމަދު ރިޔާޒް ވިދާޅުވީ، ރައްޔިތުންނަށް އަގުހެޔޮކޮށް، ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ނިޒާމެއް ފަހިވެގެންދާތީ އެކަމާ އުފާކުރާކަމަށެވެ. އެގޮތުން ކައްދޫ އެއަރޕޯޓާއި މާންދޫ މަސްކާރުޚާނާގެ އިތުރުން ގަމު ރީޖަނަލް ހޮސްޕިޓަލަށްދާ ފަރާތްތަކަށް ބަހުގެ ޚިދުމަތާއެކު ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ޝެޑިއުލްކޮށް ބަހުގެ ޚިދުމަތް ފެށުމުން، ޓެކްސީ ދަތުރުތަކަށް ކުރާ ބޮޑު ހޭދަ އެތައް ގޮތަކުން ކުޑަވެގެންދާނެކަން ގަން ފޮނަދޫ ސަރަޙައްދުގެ ރައްޔިތުން ފާހަގަކުރެއެވެ. ގެސްޓްހައުސްގެ ވިޔަފާރި ގަމުގައި ފުޅާވަމުންދާއިރު ބަހުގެ ހިދްމަތާއި އެކު ލޯކަލް ޓޫރިޒަމަށްވެސް ކުރިއެރުންތަކެއް ލިބޭނެކަމަށް ވިޔަފާރިވެރިން ދެކެއެވެ.

ގަން ފޮނަދޫ ސަރަޙައްދުގައި ހަތް ހާހެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭއިރު، ޒަމާނީ ބަހުގެ ޚިދުމަތާއެކު، އެ ސަރަހައްދުގެ ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. ލ.އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ބަހުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާއިރު ސަރުކާރުން ވަނީ ލ.ގަމާއި، ފޮނަދޫއާ ދެމެދު، 16 ކިލޯ މީޓަރުގެ ޒަމާނީ މަގެއް ތަރައްޤީކޮށްފައެވެ.

ލ.އަތޮޅުގެ އިތުރުން، ސަރުކާރުން ދަނީ ކުޅުދުއްފުށީގައިވެސް ބަހުގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންނެވެ. އަދި ސަރުކާރުން ވަނީ މާލޭގައިވެސް ބަހުގެ ޚިދުމަތް ދިނުމަށް އެމް.ޕީ.އެލްއާ ޙަވާލުކޮށްފައެވެ. އެމް.ޕީ.އެލުން ދަނީ ދެހާސް ސޯޅަވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައިވެސް ކާމިޔާބު ކަމާއެކު ބަހުގެ ޚިދުމަތް ދެމުންނެވެ.