ހދ. ކުޅުދުއްފުށީގައި ހެދުމަށް ހަމަޖެހިފައިވާ 18 މަގުގެ ތެރެއިން ތިން މަގެއްގައި ތާރުއަޅާ ނިމިފައިވާކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕަމަންޓް ކޯޕަރޭޝަން، އެމްއާރްޑީސީން ބުނެފިއެވެ.
ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫޢު މިއަހަރުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެމްއާރުޑީސީން ބުނެއެވެ. ރާއްޖޭގެ ރަށްތަކުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ތެރެއިން މިވަގުތު އެންމެ ބާރު ދުވެލީގައި މަގު ހެދުމުގެ މަސައްކަތްކުރަމުންދާ އެއް ރަށަކީ ކުޅުދުއްފުށްޓެވެ. އެމްއާރުޑީސީން ބުނީ ކުޅުދުއްފުށީގެ 18 މަގެއްގެ ތާރު އަޅާ ޒަމާނީ ފެންވަރަށް ހެދުމަށް ނިންމާފައިވާއިރު، އޭގެ ތެރެއިން ތިން މަގެއްގައި ތާރު އެޅުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ.
އެއީ އެރަށު ފަނޑިޔާރު މަގާއި، މަރުކަޒުމަގުގެ އިތުރުން މަގާން މަގެވެ. މި މަގުތަކުގައި ތާރު އެޅުމާއެކު ވަނީ ފެން ހިންދުމަށް ރަނގަޅު ނިޒާމެއް ޤާއިމުކޮށް މަގުގެ ދެފަރާތުން ހިނގާ މީހުންނަށް ދުވާރުވެސް ހަދާފައެވެ. ކުޅުދުއްފުށީގައި މިހާރު ތާރު އެޅުމުގެ މަސައްކަތް ކުރަމުންދަނީ ނިކަގަސްމަގުގައެވެ.
img:http://s3.psmnews.mv/images/660x400/15041766044051.jpg|ކުޅުދުއްފުށި މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށްދަނީ / ފޮޓޯ: ހައުސިންގ މިނިސްޓްރީ
ބާރަ ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކުޅުދުއްފުށީ މަގުތަކުގައި ތާރު އަޅަން ފަށާފައިވަނީ މި އަހަރުގެ އޮގަސްޓު މަހުގެ އެއްތިރީސް ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން 5.8 ކިލޯމީޓަރުގައި ތާރުއެޅުމަށް ހަމަޖެހިފައިވާކަމަށް އެމްއާރްޑީސީން ބުނެއެވެ. ކުޅުދުއްފުށީ މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމުގެ މަޝްރޫޢުއަށް ފަސްދޮޅަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާއިރު، މިމަގުތައް ހަދައި ނިމުމުން އެރަށަށް ބޮޑުބަދަލެއް އަންނާނެއެވެ.
އެމްއާރްޑީސީން ބުނީ ވިއްސާރަވުމުގެ ސަބަބުން މަގު ހެދުމުގެ މަސައްކަތް ތާވަލްކުރެވިފައިވާ އެންމެ ބާރު ދުވެލީގައި ކުރިއަށް ނުގެންދެވުނު ނަމަވެސް، ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫޢު މިއަހަރުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ. ކުޅުދުއްފުށީގެ އިތުރުންވެސް އެމްއާރްޑީސީން ދަނީ އިތުރު 14 ރަށެއްގެ މަގުހެދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މީގެ ތެރެއިން ގިނަ ރަށްތަކެއްގެ މަގު ހެދުމުގެ މަސައްކަތް މިއަހަރު ނިމުގެ ކުރިން ނިންމާލެވޭނެކަމަށްވެސް އެކުންފުނިން ބުނެއެވެ.