ޚަބަރު

މަޖިލީހުގެ ޤަވާއިދަށް ބަދަލުތަކެއް ގެންނަން ކޮމިޓީން ފާސްކޮށްފި


ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ބޭރުގެ ޤާނޫނު ހަދާ މަޖިލީސްތަކާއި އެ މަޖިލިސްތަކުގައި ޤާއިމްކޮށްފައިވާ ފްރެންޑްޝިޕް ގްރޫޕްތަކާއެކު ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެކުލަވާލާ ފްރެންޑްޝިޕް ގްރޫޕުގައި ހިމެނޭނީ އެ ގްރޫޕްގައި ހިމެނުމަށް އެދި ހުށަހަޅާ މެމްބަރުންގެ ތެރެއިން ގިނަވެގެން 15 މެމްބަރުން ކަމަށް ކަނޑައަޅައި މަޖިލީހުގެ ޤަވާޢިދު ޢާންމު ކޮމެޓީން އިޞްލާޙްކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގެ ޢާންމު ކޮމެޓީން ވަނީ އެގޮތަށް މަޖިލީހުގެ ޤަވާޢިދުގެ 207 ވަނަ މާއްދާ އިޞްލާޙްކޮށްފައެވެ. އެގޮތަށް އިޞްލާޙުކޮށްފައިވަނީ އެފަދައިން އިޞްލާޙުކޮށްދެއްވުމަށް އެދި މަޖިލީހުގެ ރައީސް ހުށަހެޅުއްވުމުންނެވެ.

މީގެކުރިން މަޖިލީހުގެ ޤަވާއިދުގެ 207ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ބޭރުގެ ޤާނޫނު ހަދާ މަޖިލިސްތަކާއި އެ މަޖިލިސްތަކުގައި ޤާއިމްކޮށްފައިވާ ފްރެންޑްޝިޕް ގްރޫޕްތަކާ ގުޅުން ޤާއިމްކޮށް ދަމަހައްޓަންވާނެކަމަށެވެ. ނަމަވެސް އެއީ ކިހިނެއް ކަމެއް ނުވަތަ ކޮން އުޞޫލަކުން ކަމެއް ބަޔާންކޮށްފައެއް ނުވެއެވެ.

އެހެންކަމުން އާންމު ކޮމެޓީން އެމާއްދާއަށް މިހާރު ވަނީ ތިން އަކުރެއް އިތުރުކޮށްފައެވެ. އެގޮތުން މިހާރު ބުނެފައިވާ ގޮތުގައި ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުން އެކުލަވާލައި ފްރެންޑްޝިޕް ގްރޫޕުގައި ހިމެނުމަށް ހުށަހަޅާ މެމްބަރުންގެ ޢަދަދު 15 މެމްބަރުންނަށްވުރެ އިތުރުވާނަމަ މަޖިލީހުގައި އެކިއެކި ޕާޓީތައް ނިސްބަތްވެފައިވާ ގޮތްއެއީ ހަމައެއްކަމަށް ބަލަންވާނެ ކަމަށެވެ.

އަދި މެމްބަރުން ކަނޑައަޅާނީ އެ ގްރޫޕެއްގައި ހަމަ ތަމްސީލްވާ ގޮތެއްގެ މަތިން ކަމަށްވެސް މިހާރު ޤަވާއިދުގައި ބުނެފައިވެއެވެ. 207ވަނަ މާއްދާއަށް އިތުރުކުރި އަކުރުގައި ބުނެފައިވަނީ މަޖިލީހުން އެކުލަވާލާ ފްރެންޑްޝިޕް ގްރޫޕްގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްނުވާ މެމްބަރުންނަށްވެސް އެކަށީގެންވާ ވަޒަންހަމަ ފުރުސަތުތަކެއް ދިނުމަށް މަޖިލީހުން މަސައްކަތް ކުރަންވާނެ ކަމަށެވެ.

އެއް މަސް ދުވަހުގެ ޗުއްޓީއަށްފަހު މާދަމާ މަޖިލީހުގެ ތިންވަނަ ދައުރުގެ މަސައްކަތް ފަށާއިރު އާންމު ކޮމެޓީން އިސްލާހްކުރި މަޖިލީހުގެ ގަވާއިދުގެ 207ވަނަ މާއްދާ ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުމަށްފަހު ވޯޓުގަޑީގައި އެ އިސްލާހަށް ވޯޓަށް އަހާނެއެވެ.