ޚަބަރު

އަނަސް މަރާލި މައްސަލައިގައި ހޯދަމުންދިޔަ އަފްރާހް ހައްޔަރުކޮށްފި


ރ.މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހޯދަން އިއުލާންކުރި ދެވަނަ މީހާ ހައްޔަރުކޮށްފިއެވެ.

އަނަސްގެ މަރުގެ ތުހުމަތުގައި ހޯދަން ހޯދަން އިޢުލާންކުރި، މ.ލޮނުމިދިލިގޭ އަފްރާޙް ޢަބްދުއްރައްޒާޤް(21) ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އަފްރާހް ހައްޔަރުކުރުމަށް ފުލުހުން ވަނީ މާލޭގައި މިއަދު ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައެވެ.

މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހޯދަން އިޢުލާންކުރި ދެމީހުންގެ ތެރެއިން ތ.ކިނބިދޫ، ގުލްފާމުގޭ، މުޙައްމަދު ޝާޒް(21)  ވަނީ މީގެ ކުރިން ހައްޔަރުކޮށްފައެވެ. އަނަސް މަރާލާފައިވަނީ މިއަހަރުގެ ޖުލައިމަހުގެ 31 ވަނަ ދުވަހުގެ ރޭ، މާލޭ ލިޓަސް ގަރާޖުގެ ތެރޭގައި ހުއްޓާ ތޫނު އެއްޗަކުން ހަމަލާދީއެވެ.

ފުލުހުން ވަނީ މި މައްސަލައިގެ ތަހްޤީޤްގެ ބޮޑުބައެއް ނިމިފައިވާކަން ހާމަކޮށްފައެވެ.