ޚަބަރު

ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ


ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ 75 އިންސައްތަ ރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށާއި އަދި ސަރުކާރަށް ތިން އަހަރާއި ބައިވެގެންދިޔައިރު އޭގެ ތެރެއިން ބޮޑުބައެއްގެ މަސައްކަތް ނިމިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ނުވަ ރަށެއްގެ ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ދެ ކުންފުންޏަކާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ޝީ ބިލްޑިންގގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިޤް އިބްރާހިމް ވިދާޅުވީ ހަވާލުކުރެއްވި 9 މަޝްރޫޢާއެކު ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫޢުގެ ހަތްދިހަ ހަތަރު އިންސައްތަ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. އަދި އިތުރު ހަތަރު ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކުރުމުން 75 އިންސައްތަ މަސައްކަތް އެއްކޮށް ނިންމާލެވި، ސަރުކާރުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަށް ވާސިލްވެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާ ގިނަ އަދަދެއްގެ ރަށްރަށުގެ ނަރުދަމާގެ މަސައްކަތް ބާރަށް ކުރަމުން އަންނައިރު އެއީ، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ހާސިލްކޮށްދިނުމަށް ސަރުކާރުން ދައްކާ ވާހަކަތަކާއި ކުރަމުން އަންނަ ވަޢުދުތައް ދިމާވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ.

ނަރުދަމާ ނިޒާމުގެ ލޭބަރ މަސައްކަތް ކުރުމަށް ސަރުކާރުން ނިންމާ ސޮއިކޮށްފައިވަނީ ފ. ފީއަލި، އދ.ހަންޏާމީދޫ، އޮމަދޫ، ކ.ކާށިދޫ، ލ.މާވާށް އަދި ރ.މާކުރަތު. މި ހަ ރަށުގެ މަސައްކަތް ކުރުމަށް، ހަތްދިހަ ތިނެއް ޕޮއިންޓް ނުވައެއް މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ ޕުއިރިޓަސް ލިމިޓެޑް ކުންފުންޏާއެވެ.

img:http://s2.psmnews.mv/images/660x400/14721152497879.jpg|އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް / ފައިލް ފޮޓޯ: ޕީއެސްއެމް

މީގެ އިތުރުން ރ.ރަސްމާދޫ، ހއ.އުތީމު އަދި ނ.ލަންދޫގެ ނަރުދަމާގެ މަސައްކަތް ތިރީސް ޕޮއިންޓް ނުވައެއް މިލިއަން ރުފިޔާއަށް ހަވާލުކޮށްފައި ވަނީ ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. ދެ ކުންފުންޏަކާ ނަރުދަމާގެ މި މަޝްރޫއު ހަވާލުކުރުމުގެ އެއްބަސްވުމުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިޤް އިބްރާހިމްއެވެ. އަދި ޕުއިރިޓަސް ލިމިޓެޑްގެ ފަރާތުން އެ ކުންފުނީގެ ޑިރެކްޓަރު ޝަރުމީލާ ރަގޫނާތަން ސޮއިކުރެއްވިއިރު، ސާސް އީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ސައުދުﷲ އަހުމަދުއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ހަވާލުކުރި މި މަސައްކަތް މިފަހަރު ކުރަން ހަމަޖެހިފައިވަނީ ލޭބަރާއި މެޓީރިއަލް ކޮންޓްރެކްޓަރާ ދެބައި ވަކިންނެވެ. އެގޮތުން މި މަޝްރޫޢުތަކަށް ބޭނުންވާ މެޓީރިއަލް ފޯރުކޮށްދިނުމަށް އަންނަ ހަފްތާގެ ތެރޭގައި އެސްޓީއޯއާއެކު ސޮއިކުރާނެކަމަށް އެންވައިރަމަންޓް މިނިސްޓްރީން ބުނެއެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރ އިބްރާހިމް ފަލާޚްއާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީންއާއި، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއާއި މަހިބަދޫ ދާއިރާގެ މެމްބަރ އަހުމަދު ތޯރިޤް އަދި މާވަށު ދާއިރާގެ މެމްބަރ އަހުމަދު އަޒުހާން ފަހުމީއާއި މަނަދޫ ދާއިރާގެ މެމްބަރ އުމަރު ހުސެއިންގެ އިތުރުން އުނގޫފާރު ދާއިރާގެ މެމްބަރ ޖައުފަރު ދާއޫދު ބައިވެރިވެވަޑައިގެންނެވިއެވެ.