ޚަބަރު

އެއްވެސް މީޑިއާއެއް ތަފާތެއް ނުކުރަން - ޝަހީބް


ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާ އެއްވެސް މައްސަލައެއް ނުވަތަ ޝަކުވާއަކަށް ބަލާއިރު ވަކި ބްރޯޑްކާސްޓަރަކާމެދު ވަކި ގޮތަކަށްބަލައި ކަމެއް ނިންމާފައި ނުވާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ. 

ރާއްޖޭގެ ބްރޯޑްކާސްޓަރުންގެ ދުވަހާގުޅިގެން ސެނެކޯ މާލަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެ ކޮމިޝަނުން މަސައްކަތް ކުރަނީ މިނިވަން ކަމާއިއެކުކަމަށެވެ. އަދި ކޮމިޝަންގެ މެމްބަރުންވެސް މަސައްކަތް ކުރަނީ އެއްވެސް ފަރާތެއްގެ ނުފޫޒާއެކުގައި ނޫން ކަމަށްވެސް ޝަހީބް ވިދާޅުވިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ޝަހީބްވިދާޅުވީ ބްރޯޑްކާސްޓަރުން ޢަމަލު ކުރަންޖެހޭނީ ޤާނޫނާ ޤަވާއިދުގެ ތެރެއިން ކަމަށާ، މީޑިއާތަކުން ކަންކަމުގައި ޢަމަލުކުރަންވީ ގޮތް ބްރޯޑްކާސްޓިން ކޮމިޝަނުންވެސް އެކުލަވާލާފައިވާނެ ކަމަށް ޝަހީބް ވިދާޅުވިއެވެ. އާއްމު މަސްލަހަތަށް ވުރެން ޚާއްސަ މަސްލަހަތު އިސްނުކުރަން ޝަހީބް ވަނީ މީޑިއާތަކަށް އިލްތިމާސްކުރައްވާފައެވެ.

މި ބައްދަލުވުމުގައި ޝަހީބް ވިދާޅުވީ ބްރޯޑްކާސްޓުކުރުމުގެ ތެރޭގައި އެންމެ އިސްކަންދޭ އެއް ކަމެއްގެ ގޮތުގައި އިންސާނީ ކަރާމާތް ރައްކާތެރިކޮށްދިނުން ހިމަނަންޖެހޭ ކަމަށެވެ.