ޚަބަރު

މިއަދަކީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދުވަސް


މިއަދަކީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހެވެ.

މީގެ ބައިގަރުނަ ކުރިން ފެށުނު މި ޚިދުމަތް އޭރު ދެމުން އައީ ހަމައެކަނި ސަރުކާރުންގެ ކަމަށްވީ ނަމަވެސް އެކަން ބަދުލުވެ އެތައް އަމިއްލަ ޗެނަލްތަކުންވެސް މިއަދު އަންނަނީ ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުންނެވެ.

ބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ރަސްމީ ސިފައެއްގައި ރާއްޖޭގައި ފެށިގެން އައީ 1962ވަނަ އަހަރުއެވެ. އޭރު އެންމެ ރޭޑިއޯ ޗެނަލަކުން ފެށިގެން އައި ހިދުމަތް 2007ގެ ނިޔަލަށް ދެމުން އައިސްފައިވަނީ ހަމައެކަނި ސަރުކާރުގެ ޓީވީ އަދި ރޭޑިއޯ ޗެނަލްތަކުންނެވެ.

ރާއްޖޭގައި އަމިއްލަ ފަރާތްތަކަށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދީފައިވަނީ 2007ވަނަ އަހަރުގެ ޖުލައި މަހުގެ ކުރީކޮޅުގައެވެ. މި ހުއްދައާއެކު އަމިއްލަ ރޭޑިއޯ ޗެނަލްތަކާއި ޓީވީ ޗެނަލްތައް ހުޅުވިގެން ދިޔައެވެ. އަދި އޭރު ހިފެހެއްޓިފައިވާ މީޑިއާގެ މިނިވަންކަން ހައްދެއް ނެތް މިންވަރަށް ލިބިގެންދިޔައެވެ.

ރާއްޖޭގައި ބްރޯޑްކާސްޓްކުރަމުން އަންނަތާ ބައިގަރުނަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިހާތަނަށް 43 ފަރާތަކަށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ވަނީ ދޫކޮށްފައެވެ. އެއީ 31 ޓީވީ ޗެނަލާއި 12 ރޭޑިއޯ ޗެނަލެވެ. އަދި މީގެ އިތުރުން، ރީބްރޯޑްކާސްޓްކުރުމަށް ނުވަތަ ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް 122 ފަރާތަކަށް ވަނީ ލައިސަންސް ދޫކޮށްފައެވެ. މީގެ ތެރޭގައި މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށް ލައިސަންސް ދޫކޮށްފައިވާ 5 ފަރާތެއް ވެސް ހިމެނެއެވެ.

އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އަމިއްލަ ޗެނަލްތަކުން ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުން އަންނަ އިރު މިއަދު އުފެދޭ އެންމެ ބޮޑު އެއް ސުވާލަކީ ބްރޯޑްކާސްޓަރުންނަށް ލިބިގެން ދިޔަ މިނިވަންކަން ބޭނުންކުރަމުން އަންނީ އެންމެ ރަގަޅަށްތޯ ކުރެވޭ ސުވާލެވެ. އަމިއްލަ ޗެނަލްތައް އުފެއްދުމަށް ލިބިގެންދިޔަ ލައިސަންސަކީ ތިމާ ހިތުހުރި އެއްޗެއް ކިޔާ، ބޭނުން ބައެއްގެ އަބުރަށް އަރައިގަންނަމުން ދިޔުންތޯ އުފެދޭ ސުވާލެވެ.

ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންވެސް، އެމީހުންގެ ޕްރޮޕެގެންޑާ ފަތުރާ ވަސީލަތަކަށް މީޑިއާ ބޭނުންކުރެއެވެ. ހަމަ އެހެންމެ ރައްޔިތުންނާއި ވެރިން ގުޅުވައިދޭ އެންމެ ބޮޑު ބާރަކީވެސް މީޑިއާއެވެ. މިފަދަ ކަންކަމުން ކަށަވަރުވެގެން ދަނީ މީޑިއާގެ ދައުރުގެ ފުޅާކަމާއި މީޑިއާގެ ބާރުގަދަކަމެވެ.

ނަމަވެސް ހިތާމައަކީ މީޑިއާގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި ހިފަމުން އަންނަކަމެވެ. އަދި މީޑިއާތައް މެދުވެރިކޮށް ޤައުމުގެ ސިޔާދަތާއި މިނިވަންކަމަށް ގެއްލުން ލިބޭ ފަދަ އެތައް ވާހަކަތަކެއް ދައްކަމުން އަންނަކަމެވެ. އަދި މިފަދަ ވާހަކަތަކާއި މަންޒަރުތައް އެއްވެސް ޖެހިލުމެއް ނެތި ބައެއް ބްރޯޑްކާސްޓަރުން ދައްކަމުން ދާކަމެވެ. މިފަދަ ކަންކަމަކީ އޮންނަ އުސޫލުތަކާއި މިންގަނޑުތަކާއި މުޅިން ޚިލާފު ކަންކަމެވެ.

ބްރޯޑްކާސްޓަރުން ރެގިއުލޭޓް ކުރުމަށް 2010ވަނަ އަހަރުގެ ތެރޭގައި ފާސްކުރި ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގެ ދަށުން ވަނީ ބްރޯޑްކާސްޓިން ކޮމިޝަނެއް އުފައްދާފައެވެ. މި ކޮމިޝަންގެ މައިގަނޑު ޒިންމާއަކަށްވާނީ ބްރޯޑްކާސްޓަރުން ކުރަމުންދާ މަސައްކަތް ގާތުން ބެލުމެވެ. ޗެނަލް ތަކުން ގެނެސްދޭ ޚަބަރާއި މަޢުލޫމާތުތަކަކީ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދޭނެ ކަމެއް ކަމަށްވާނަމަ އެކަން ހުއްޓުވާ ފިޔަވަޅު އެޅުމެވެ. އަދި ޤައުމީ ސިޔާދަތަށް ނުރައްކާވާ ވަރުގެ މަޢުލޫމާތުތަކެއް ބްރޯޑްކާސްޓް ކުރާކަމަށްވާނަމަ އެކަންވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ހުއްޓުވާ އެފަދަ މަޢުލޫމާތެއް ހާމަކުރި ޗެނަލަކަށް ފިޔަވަޅު އަޅަންޖެހެއެވެ.

ބްރޯޑްކާސްޓަރުންނަށް ލިބިގެން ދިޔަ މިނިވަންކަމާއެކު ފެނިގެންދިޔައީ ޤައުމުގައި އުފެދޭ ސިޔާސީ ޚިޔާލުތަފާތުވުންތަކާއެކު މީހުންގެ އަބުރަށް އަރައިގަތުން އިތުރުވެގެންދާތަނެވެ. މިކަން ހުއްޓުވުމަށް އެންމެ ފަހުން ދެން މަޖްބޫރުވެގެންދިޔައީ ވަކި ޤާނޫނެއް ހެދުމަށެވެ.    

އަބުރު ރައްކާތެރިކުރުމާ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ސަބަބުން މިއަދު ބްރޯޑްކާސްޓަރުންގެ ޒިންމާ އިހުނަށްވުރެ ވަނީ  ބޮޑުވެފައެވެ. ބްރޯޑްކާސްޓް ކުރެވޭ މަޢުލޫމާތުތަކާމެދު އިތުރަށް ވިސްނަން ޖެހިފައެވެ. ހިތުހުރި މަޢުލޫމާތެއް ފެތުރުމުގެ ކުރިން އެކަމުގެ ސައްޙަކަން ކަށަވަރުކުރަން ކުރަންޖެހެއެވެ.

ހިތާމައަކީ މިއިން އެއްވެސް ކަމަކަށް ރާއްޖޭގައި މަސައްކަތް ކުރާ ބައެއް ބްރޯޑްކާސްޓަރުން ނުވިސްނާކަމެވެ. ޚިޔާލެއް ފިކުރެއް ނެތި ބައެއް ޗެނަލްތަކުން މީހުންގެ އަބުރަށް އަރައިގަންނަމުން އަންނަކަމެވެ. ބްރޯޑްކާސްޓް ކުރުމުގެ ބެސްޓް ޕްރެކްޓިސްއާ މުޅިން ޚިލާފަށް މަސައްކަތް ކުރަމުންދާކަމެވެ. މިފަދަ އަމަލުތައް ކުރާ ފަރާތްތަކާއި މެދު ބްރޯޑްކާސްޓިން ކޮމިޝަނުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

މިހާތަނަށް ބްރޯޑްކާސްޓް ދާއިރާއާ ގުޅޭގޮތުން 521 ޝަކުވާ ކޮމިޝަނަށް ހުށައަޅާފައިވާއިރު މީގެ ތެރެއިން 219 ޝަކުވާ އަކީ ބްރޯޑްކާސްޓްކުރެވޭ ކޮންޓެންޓާ ގުޅުން ހުރި ޝަކުވާއެވެ. އަދި 240 ޝަކުވާއަކީ ލައިސަންސްގެ މައްސަލަތަކާ ގުޅުންހުރި ޝަކުވާއެވެ. މީގެ އިތުރުން ޚިދުމަތާއި އަދި އެހެނިހެން މައްސަލަތަކުގެ ގޮތުގައި 40 ޝަކުވާއެއް ފައިލްކޮށްފައިވެއެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނަށް 11 އޮގަސްޓް 2016ގައި އަމަލުކުރަން ފެށުމަށްފަހު އަބުރާ ގުޅުންހުރި 22 ޝަކުވާއެއް އެ ކޮމިޝަނަށް ހުށަހެޅިފައިވެއެވެ. މިހާތަނަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރެއިން ބަލައި ނުނިމެނީ 17 ޝަކުވާއެއްކަމަށް އެކޮމިޝަނުން ބުނެއެވެ. މީގެ ތެރޭގައި ހިމެނެނީ ލައިސަންސްގެ މައްސަލަތަކާ ގުޅޭ 11 ޝަކުވާއާއި އަބުރާ ގުޅުންހުރި 4 މައްސަލައެވެ.

ބްރޯޑްކާސްޓިން ދުވަހެއް ފާހަގަކުރަމުން އަންނައިރު މިއަދު ރާއްޖޭގެ އެންމެހާ ބްރޯޑްކާސްޓަރުން ވިސްނަންޖެހޭ ކަމަކީ ޤާނޫނާ ޤަވާއިދުގެ ތެރެއިން ބްރޯޑްކާސްޓްކުރުމަށެވެ.. ޤައުމު ފަސާދަކުރުމުގެ އެއްވެސް ފުރުޞަތެއް ނުދީ ތެދު މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ. ދިވެހިންގެ އެއްބައިވަންތަކަން ނަގާލާ ބައިބައިވުމުގެ އެއްވެސް ފުރުޞަތެއް ނުދިނުމަށެވެ. އަދި އެތެރޭގައި އުފެދޭ ދާޚިލީ ޚިޔާލު ތަފާތުވުންތަކާއެކު ރާއްޖެ މުޅި ދުނިޔެއަށް ބަދުނާމުކުރުމަށް އެއްވެސް ފަރާތަކަށް ފުރުޞަތު ނުދިނުމަށެވެ.