ޚަބަރު

މީޑިއާ ކައުންސިލާއި ބްރޯޑްކޮމްގެ ގުޅުން ބަދަހި


މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާ ބެހޭގޮތުން މީގެކުރިން ތަފާތު ގޮތްގޮތަށް ވާހަކަ ދެއްކި ނަމަވެސް، މިހާރު އެދެމުއައްސަސާއަކީ ވަރަށް ގާތްކޮށް މަސައްކަތްކުރަމުންދާ ދެ މުއައްސަސާ ކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަނާ ދެމެދު ގާތްގުޅުމެއް އޮންނަކަން ފާހަގަކުރައްވާ ޝަހީބް ވިދާޅުވީ، މި ދެ މުއައްސަސާއަކީ އެއް މަޤުސަދެއް ހާސިލްކުރުމަށްޓަކައި ދައުލަތުން އުފައްދާފައިވާ ދެ މުޢައްސަސާ ކަމަށެވެ. އެގޮތުން މިއީ އެއް މުޢައްސަސާ އަނެއް މުޢައްސަސާއާ ގުޅިލާމެހިގެން ކުރިއަށްދާންޖެހޭނެ ދެ ފަރާތެއްގެ ގޮތުގައި ދެކޭކަމަށް ޝަހީބް ވިދާޅުވިއެވެ.

ޝަހީބް ވިދާޅުވީ މި ދެ މުއައްސާއާ ބެހޭ ގޮތުން މީގެކުރިން މީޑިއާތަކުގައި އަޑު ފެތުރިގެންދިޔައީ މުޅިން އެހެން ގޮތަކަށް ކަމަށާ، ނަމަވެސް މިހާރު މީޑިއާ ކައުންސިލުގައި ތިއްބެވި ބޭފުޅުންނާއެކު، ބްރޯޑްކާސްޓިންގ ކޮމިޝަނުން ގުޅުން ބަދަހިކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ޝަހީބް ވަނީ މި ދެ މުއައްސަސާ ގުޅިގެން ރާއްޖޭގެ މީޑިއާތަކުގެ ކަންކަން ހަރުދަނާކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރާއްޖޭގެ މީޑިއާގެ ވެށި މިހާރަށްވުރެ ރަނގަޅުވެ، މިދާއިރާއަށް ވަރަށް ބޮޑު ތަރައްޤީއެއް އަންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ ރާއްޖޭގެ އިތުރު ހަތަރު މުއައްސަސާއަކާ ގުޅިގެން ދިވެހިރާއްޖޭގެ ނޫސްވެރިކަމަކީ އިސްލާމީ ޝަޚްސިއްޔަތާއި، ދިވެހިވަންތަކަމަށް އިޙްތިރާމްކުރާ ވެއްޓެއްގެ ގޮތުގައި މަސައްކަތްކުރާ ދާއިރާއަކަށް ހެދުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

ތިން އަހަރު ދުވަހަށް ސޮއިކުރި މި ފަހުމުނާމާގައިވާ މަޤުސަދުތަކާއި އަމާޒުތައް ހާސިލްކުރުމަށްޓަކައި ފަހުމުނާމާގައި ސޮއިކޮށްފައިވާ ފަސް މުއައްސަސާއިން ގުޅިގެންނާއި އަދި ވަކިވަކިންވެސް ބައެއް މަސައްކަތްތައް ކުރުމަށް ވަނީ އެއްބަސްވެފައެވެ.