ޚަބަރު

އޭއެސްއެސްޕީގެ ބައްދަލުވުމަށް މަޞީހް ލަންކާއަށް ވަޑައިގެންފި


ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެސޯސިއޭޝަން އޮފް ސާކް ސްޕީކާސް އެންޑް ޕާލިމަންޓޭރިއަންސް، އޭއެސްއެސްޕީގެ 8 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހް މުޙައްމަދު ސްރީލަންކާއަށް ވަޑައިގަންނަވައިފިއެވެ. 

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މަސީހުގެ އަރިހުގައި ރައްޔިތުން މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ރިފާޢުއާއި މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙްމަދު އާމިރުވެސް ލަންކާއަށް ވަޑައިގެންނެވިއެވެ. 

ކޮލޮމްބޯގައި ހުންނަ ހޮޓެލް ހިލްޓަންގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ މި ބައްދަލުވުން މި މަހުގެ 6 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. ސާކް ސްޕީކާސް އެންޑް ޕާލިމަންޓޭރިއަންސް ބައްދަލުވުމުގައި ސާކް ގައުމުތަކުގެ ރައްޔިތުން މަޖިލީހުގެ ރައީސުން ބައިވެރިވެވަޑައިގަންނަވާނެއެވެ. 

މި ބައްދަލުވުން ރަސްމީކޮށް ފައްޓަވައި ދެއްވާނީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ. އޭސްއެސްޕީގެ އެންމެ ފުރަތަމަ ބައްދަލުވުމެއް ބާއްވާފައިވަނީ 1995 ވަނަ އަހަރު އިންޑިއާގައެވެ. އެސޯސިއޭޝަން އޮފް ސާކް ސްޕީކާސް އެންޑް ޕާލަމަންޓޭރިއަންސް އަކީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި މައުލޫމާތާއި ތަޖުރިބާ، ހިއްސާކޮށް މަޝްވަރާކުރުމުގެ މަޤްޞަދުގައި އުފައްދާފައިވާ ޖަމްއިއްޔާއެކެވެ.