ތިމާވެށި

ވެލާތަކެއް ގެންގުޅުނު މީހަކު ބޮޑު ޢަދަދަކުން ޖޫރިމަނާކޮށްފި


ވެލާތަކެއް ހިފައިގެންގުޅުނު މައްސަލައެއްގައި ސަތޭކަ ހާހަށްވުރެ ގިނަ ރުފިޔާއިން މީހަކު ޖޫރިމަނާކޮށްފިއެވެ.

ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދުގެ ދަށުން، މިމައްސަލާގައި އެންވަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީން ޖޫރިމަނާކޮށްފައިވަނީ ރ.މަކުރަތު، ހަކި، މުޙައްމަދު މުސްތަފާއެވެ.

12 ކުދި ވެލާ ހިފައިގެން ގެންގުޅުނު މައްސަލަ އޭނާގެމައްޗަށް ސާބިތުވެފައިވާއިރު އޭނާ ވެލާ ގެންގުޅުނުކަމަށް ޢިއުތިރާފްވެފައިކަމަށް އީޕީއޭއިން ބުނެއެވެ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ދިރޭތަކެތީގެ ނަސްލު ރައްކާތެރިކުރުމުގެގޮތުން ވެލައާއި ކަހަނބު ގެ ހުރިހާބާއްވަތެއްވަނީ ޙިމާޔަތްކޮށްފައެވެ. އަދި ވެލާ ކަހަނބު ހިފުމާއި އެތަކެތި ގެންގުޅުމާއި އެއަށް ގޯނާކުރުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މިފަދަ ކަންތަށްތައް ކުރާފަރާތްތަކާ ދޭތެރޭ ތިމާވެށި ޙިމާޔަތްކުރުމުގެ ޤާނޫނާއި ތިމާވެއްޓަށް ދޭގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދުގެ ދަށުން ފިޔަވަޅު އަޅާމުންގެންދާނެކަމަށް ޢީޕީއޭއިން މަޢުލޫމާތުދެއްވައެވެ.