ކުރިން ފުލުހުންގެ މުއައްސަސާގައި އުޅުއްވި ބައެއް ބޭފުޅުން، ފުލުހުންގެ މުއައްސަސާގެ ތެރެއަށް ނުރަނގަޅު ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.
ދޫނިދޫ ކަސްޓޯޑިއަލްގައި ބަންދުގައި ތިބޭ މީހުން އާއިލީ ބައްދަލުވުން ބާއްވާ އިމާރާތް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ ވިދާޅުވީ އެފަދަ ފަރާތްތައް ފުލުހުންގެ މުއައްސަސާ ކިލަނބު ކޮށްލުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ފުރިހަމަ ހެކި ތަހުގީގުތަކަށް ލިބިފައިވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއާރޒް އަޒްލީން އަޙްމަދު ވިދާޅުވީ ކޮންމެ އިރެއްގައިވެސް ފުލުހުންގެ ޔުނިފޯރމް އަޅައިފި މީހަކީ މުޖުތަމައުގައި ތަފާތު މީހެއްކަމަށެވެ. އަދި މުޅި މުޖުތަމައު އެމީހަކަށް އިޙްތިރާމް ކުރާގޮތްވެސް ތަފާތުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ ފުލުހުންގެ މަސައްކަތުގައި މީގެކުރިން އުޅުމަށްފަހު މިއަދު ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކާއެކު ބައެއް ބޭފުޅުން މަސައްކަތް ކުރައްވާ ކަމަށެވެ. އަދި އެފަދަ ބޭފުޅުން ކުރާ ކަންތައްތަކަކީ ފުލުހުންގެ މުއައްސަސާއަށް ހެޔޮއެދިގެން ކުރާ ކަންތައްތަކެއް ނޫން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ދޫނިދޫގައި ހުޅުވި، ބަންދުގައިތިބޭ މީހުންގެ އާއިލީ ބައްދަލުވުން ބާއްވާ ޢިމާރާތް ހުޅުވުމުގެ ސަބަބުން އާއިލީ ބައްދަލުވުންތައް ބޭއްވުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި ޢިމާރާތުގައި ދޫނިދޫއަށް އަންނަ މެހެމާނުން މަޑުކުރާ ކޮޓަރިއަކާއި ބަންދުގައި ތިބޭ މީހުން އާއިލާއާ ބައްދަލުކުރާނެ ވަކިވަކި ކޮޓަރިތައް ހުރެއެވެ.