ތިމާވެށި

އިޔާދަކުރަނިވި ހަކަތައާގުޅޭ ތަމްރީން ޕްރޮގްރާމެއް ފަށައިފި


އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުމާއި ބޭހޭގޮތުން މަޢުލޫމާތު ދިނުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޓްރެއިނިންގ ޕޮރޮގްރާމަކީ 2018 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެދާއިރާގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ގޮތުން ބާއްވާ ތަމްރީން ޕްރޮގްރާމެކެވެ.

މިތަމްރީން ޕްރޮގްރާމްގައި ރާއްޖޭގައި ސޯލާ ޓެކްނޮލޮޖީ ބޭނުންކޮށްގެން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދުވާލުގަޑީގަ ބޭނުންވާ ކަރަންޓްގެ އެންމެ މަތީ އަދަދުގެ %30 އާއި އެއްވަރަށް ހަކަތަ އުފެއްދުމަށް ކުރަމުންދާ މަސައްކަތާއިބޭހޭ މަޢުލޫމާތުދީ، މިކަމުގައި މަސައްކަތްކުރާ މުވައްޒަފުން ތަމްރީންކުރާނެއެވެ. މިމަސައްކަތައި ގުޅޭގޮތުން މިނިސްޓްރީ އޮފް އެންވިރޮންމެންޓް އެންޑް އެނަރޖީގެ ޑިރެކްޓަރ ޖެނެރަލް އަހްމަދު ޢަލީ ވިދާޅުވީ އެވުޒާރާއިން މަސައްކަތްކުރައްވަނީ އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ޤާއިމްކުރުމަށާއި މިމަސައްކަތުގައި އުޅޭ މުވައްޒަފުން އިތުރަށް ތަމްރީން ކުރުމަށްކަމަށެވެ.

އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫޢުގެ ދަށުން މިހާރުވެސް ބައެއް ރަށްރަށުގައި ޕައިލެޓް ޕްރޮޖެކްތައް ކުރިއަށްގެންދެއެވެ. އެގޮތުން ބ.ގޮއިދޫ، ޅ.ކުރެންދޫ، ގއ.ވިލިނގިލި، އައްޑޫ ސިޓީ އަދި ތ.ބުރުނީގައި ސޯލާ ޕީވީޑީސަލް ހައިބްރިޑް ސިސްޓަމްތަކެއް ޤާއިމުކޮށް އެ ސިސްޓަމްތަކުން ކަރަންޓް އުފައްދާ ގްރިޑްތަކަށް ފޯރުކޮށްދެމުންދެއެވެ. އަދި ހއ އަދި ހދ އަތޮޅުގަ މީހުން އުޅޭ ހުރިހާ ރަށެއްގަ ހަމަ މިފަދަ ސިސްޓަމްތަކެއް ޤާއިމްކޮށްގެން ކަރަންޓް އުފެއްދުމަށް ބަޔަކާ ހަވާލު ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.