ޚަބަރު

ކުށްކުރާ ފަރާތްތަކަށް އެހީތެރިވެދޭނަމަ ފިޔަވަޅު އަޅާނަން- ޕޮލިސް


މާރާމާރީއާއި ރޭވިގެން ހިންގާ ކުށްތައް ކުރާ ފަރާތްތައް ފިލަން އެހީތެރިވެދޭ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ދެއްވައިފިއެވެ.

މިއަދު ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ މާރާމާރީ ހިންގާ ފަރާތްތައް ފިލުވައި، އެފަރާތްތަކަށް އެހީތެރިވެދީ، ފުލުހުންނަށް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުުން ބޮޑެތި ކުށްތައް ކުރުމަށްފަހު ގޭބީސީތަކާއި ކުށްޔަށްދޭ ތަންތަނުގައި ފިލައިގެން އުޅޭތީ، އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ. އަދި މިފަދަ ފަރާތްތަކަށް އެހީތެރިވާ ފަރާތްތަކުގެ މައްސަލަތައް ބަލާ، އެފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނޭކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ. 

ފުލުހުންގެ ބަޔާނުގައި ނުރައްކާތެރި ކުށްތައް ކުރާ ފަރާތްތައް ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމުގެ ޔަޤީންކަން އަރުވާފައިވެއެވެ. އަދި ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭގޮތަށް ހިންގާ މިފަދަ އަމަލުތައް ހުއްޓުވުމަށް ފުލުހުންނަށް ލިބިފައިވާ އެންމެހާ ވަސީލަތްތައް، އޭގެ އެންމެ މަތީ ދަރަޖައަށް ބޭނުންކުރާނެކަމަށްވެސް ފުލުހުން ނެރުއްވި ބަޔާނުގައިވެއެވެ.