ޚަބަރު

ޤާނޫނީ ވަކީލުންގެ އެހީތެރިކަންދިނުމުގެ ޤަވާއިދު އެކުލަވާލައިފި


ޖިނާޢީ ބޮޑެތި މައްސަލަތަކުގެ ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ޤާނޫނީ ވަކީލުންގެ އެހީތެރިކަން ދައުލަތުގެ ފަރާތުން ފޯރުކޮށްދިނުމުގެ ޤަވާއިދު އެކުލަވާލައިފިއެވެ. 

މި ގަވާއިދު އެކުލަވާލާ މިދިޔަ ހޯމަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢުކޮށްފައެވެ. 

27 މާއްދާގެ މައްޗަށް އެކުލަވާލާފައިވާ މި ޤަވާޢިދަށް ކިޔަނީ ޖިނާއީ ޖިނާއީ ބޮޑެތި މައްސަލަތުގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ގާނޫނީ ވަކީލެއް ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގަވާއިދެވެ. މި ޤަވާއިދުގައި ޖިނާއީ ބޮޑެތި ކުށްތައް ކަމަށް ބަޔާންކޮށްފައިވަނީ 12 ކުށެކެވެ. 

އެއީ މީހުން މެރުމުގެ ކުށާއި އިންތިޒާމްވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށާއި ޓެރަރިޒަމް ކުށާއި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށާއި މީހުން ޓްރެފިކް ކުރުމުގެ ކުށެވެ. މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށާއި ވައްކަމާއި ޓެކުން ޚިޔާނާތްތެރިވުމާއި މަކަރާއި ހީލަތާއި ފޭރުމުގެ ކުށްކުށުގެ ތެރެއިން އެއްލައްކަ ރުފިޔާއިން ފެށިގެން މަތީގެ ޢަދަދުތައް ހިމެނޭ، ކުށްތަކާއި ކޮރަޕްޝަންގެ ކުށްތަކާއި ގޭންގް ކުށްވެސް ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ. 

އަދި ހަމައެއާއެކު ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ނުވަތަ ހިއްސެއް ނެތިދާ ފަދަ ގޮތަކަށް މާރާމާރީ ހިންގުމާއި ދައުލަތުގެ އިސްތިޤްލާލާއި މިނިވަންކަމަށް ގެއްލުންވާ ފަދަ ޢަމަލެއް ހިންގުމާއި 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ތިބި ފަރާތްތަކަށްވެސް މާލީ ތަނަވަސްކަން ނެތްނަމަ ދައުލަތުގެ ޚަރަދުގައި ގާނޫނީ ވަކީލެއްގެ އެހީ ފޯރުކޮށްދޭނެ ކަމަށް މިޤަވާއިދުގައި ބުނެފައިވެއެވެ. 

ޖިނާއީ ބޮޑެތި ކުށްތަކަށް ކަމަށް އެ ޤަވާއިދުގައި ބުނެފައިވާ 12 ކުށަކީ ޖިނާއީ ބޮޑެތި މައްސަލަތުގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ގާނޫނީ ވަކީލެއް ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގަވާއިދު އައުމުގެ ކުރިންވެސް ޖިނާއީ ބޮޑެތި ކުށްތައް ކަމަށް އެހެނިހެން ގާނޫނާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ބޮޑެތި ކުށްތަކެވެ. ކުށުގެ ތުހުމަތުގައިވާ މީހާއަކީ އުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވާނަމަ އެ މީހެއްގެ މާލީ ތަނަވަސްކަން ވަޒަންކުރުމުގައި ބަލާނީ، އެ މީހަކަށް ލިބޭ އާމްދަނީއާއި، އޭނާ ކުރާ ޚަރަދަށް ކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ. ކުށުގެ ތުހުމަތުގައިވާ މީހާއަކީ އުމުރުން 18 އަހަރު ފުރިފައިނުވާ މީހެއް ކަމުގައިވާނަމަ އެ މީހެއްގެ މާލީ ތަނަވަސްކަން ވަޒަންކުރުމުގައި ބަލާނީ، އެ މީހަކަށް ލިބޭ އާމްދަނީއާއި އޭނާ ކުރާ ޚަރަދަށާއި، އެ މީހެއްގެ ބެލެނިވެރިޔާއަށް ނުވަތަ ބަލަދުވެރިޔާއަށް ލިބޭ އާމްދަނީއާއި އެ މީހަކު ކުރާ ޚަރަދަށް ކަމަށްވެސް ޤަވާއިދުގައި ބުނެފައިވެއެވެ. މި ޤަވާއިދަކީ ޖިނާއީ އިޖުރާޢުތުގެ ޤާނޫނުގެ 53ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ޤަވާއިދެކެވެ.