ޚަބަރު

މަޢުލޫމާތު ހާމަކުރުމުން އިދާރާތަކަށް ކުރާ އިތުބާރު ބޮޑުވާނެ


ސަރުކާރުގެ އިދާރާތަކުން މަޢުލޫމާތު ހާމަކޮށްފިނަމަ އެތަނަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ، އެތަނަކަށް ރައްޔިތުން ކުރާ އިހްތިރާމްވެސް އިތުރުވެގެންދާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބެއްގައި އެމަނިކުފާނު ވިދާޅުވީ މަޢުލޫމާތެއް އިދާރާއަކުން ހާމަނުކޮށްފި ނަމަ ނުވަތަ ހާމަކުރަންޖެހޭ މަޢުލޫމާތެއް އިދާރާއަކުން ހިފަހައްޓައިފި ނަމަ ލިބޭ ގެއްލުން ވަރަށް ބޮޑުވާނެ ކަމަށެވެ. އެގޮތުން އެ އިދާރާއަކަށް ރައްޔިތުން ކުރާ ޝައްކުތަކާއި، ހައްޤު ނޫން އިލްޒާމްތައް އެ އިދާރާއެއްގެ އިސްވެރިންގެ އިސްތަށިފުޅުގައި އެޅިގެންދާނެ ކަމަށެވެ.

ބައިނަލްއަގުވާމީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ދުވަހާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިދިޔަ އަހަރުން ފެށިގެން އަންނަނީ މަޢުލޫމާތު ހޯދުމުގެ ރަންވަރަ ސަރުކާރުގެ އިދާރާތަކަށް ދޭން ފަށާފައެވެ. މިދިޔަ އަހަރު އެ އެވޯޑް ލިބިފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް. އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވީ އުއްމީދަކީ އެ އެވޯޑު ވީހާވެސް ގިނަ އިދާރާތަކަކަށް ލިބުން ކަމަށެވެ. އަދި މަޢުލޫމާތު ހޯދުމުގެ އެންމެ މަތީ މިންގަނޑާ ދަށް މިންގަނޑުގައިވާ ގޮތަށް ހުރިހާ އިދާރާއަކުން މަސައްކަތް ކޮށްދެއްވުމަށް އެމަނިކުފާނު ވަނީ ސަރުކާރުގެ އިދާރާތަކަށް އިލްތިމާސްކުރައްވާފައެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނަކީ 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެކެވެ.