ޤައުމީ ތަރައްޤީގައި ބައިވެރިވުމަކީ މިއަދު އެންމެންގެ އުފަލަކަށް ވެގެންހިނގައްޖެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އެއްހާސް ފޮޓޯގްރަފަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ ދެވަނަ ބުރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމަކާއެކު އެޑިއުކޭޝަން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ އެންހާސް ފޮޓޯގްރަފަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ ދެވަނަ ބުރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ.ޢާއިސަތު ޝިހާމް ވިދާޅުވީ، ސަރުކާރުން ހުޅުވާލާ ތަޢުލީމާއި ތަމްރީންގެ ފުރުޞަތުތަކުގައި ގިނަޢަދަދެއްގެ ޒުވާނުން ބައިވެރިވަމުންދާކަމަށެވެ.
މިއިން ދޭހަވާ އެންމެބޮޑު އެއްކަމަކީ ޤައުމީ ތަރައްޤީގައި ޒުވާނުން ބައިވާ މިންވަރުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވީ، ރާއްޖޭގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ހުޅުވާލަދީ މަސައްކަތްތެރި ހުނަރުވެރިންނަށް ހެދުމަށް މީގެކުރިން އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާ މިންވަރަށް މި ސަރުކާރުން މަސައްކަތްކޮށްފައިވާކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ ދަސްވާރު ޕްރޮގްރާމަށް އިޝާރާތް ކުރައްވާ މިނިސްޓަރ ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ދެހާސް ހަތްސަތޭކަ ކުދިން މަސައްކަތުގެ ދާއިރާއިން ތަމްރީންކޮށްފައިވާނެކަމަށް. މީގެތެރެއިން އަށްޑިހަ ތިނެއް އިންސައްތަ ކުދިން މިހާރު ވަޒީފާ އަދާކުރަމުން އަންނައިރު އެމިނިސްޓްރީން ކުރިއަށްގެންދާ ބީޓެކް ޕްރޮގްރާމް ފުރިހަމަކުރި ކުދިންގެ ތެރެއިން އައްޑިހަ އަށެއް އިންސައްތަކުދިން ވަޒީފާ އަދާކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން އެޑިއުކޭޝަން މިނިސްޓްރީއާއި ފެނަކައާއި ގުޅިގެން މިއަހަރުގެ އޮގަސްޓްމަހު ފެށި އިލެކްޓްރިޝަން ކޯހަށް ޒުވާނުންގެ ބޮޑުތަރުހީބެއް ލިބިފައިވާއިރު، މި ކޯހުގައި މިހާތަނަށް އެއްހާސް ހަސަތޭކަ ޒުވާނުން ބައިވެރިވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން ސަރުކާރުން ކުރިއަށްގެންދާ އެއްހާސް ފާރމަސިސްޓުން ތަމްރީން ކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ފަސްސަތޭކަ ހަތާވީސް ކުދިން ތަމްރީންވެ ސެޓްފިކެޓް ހާސިލްކޮށްފައިވާއިރު ދުއިސައްތަ އެކާވީސް ކުދިން މިހާރުވެސް މި ތަމްރީން ޕްރޮގްރާމް ފުރިހަމަކުރަމުންގެންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިރަސްމިއްތާތުގައި މިނިސްޓަރ އައިޝަތު ޝިހާމް ވަނީ، ޒުވާނުން ބާރުވެރިކުރުވާ ޒުވާނުންނަށް ސަރުކާރުން ފަހިކޮށްދެއްވާ ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މިދިޔައަހަރުގެ އޮގަސްޓްމަހުގައި ފެށި އެއްހާސް ފޮޓޯގްރަފަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިފަހަރު ދަސްވެނިވެފައިވަނީ ހަތަރުސަތޭކަ ސާދަ ކުދިންނެވެ. މީގެކުރިން ސަތޭކަ ހަތްދިހައަށް ކުދިން މި ކޯސް ފުރިހަމަކޮށް ވަޒީފާއަދާކުރަމުންދާއިރު ދުއިސައްތަ ސާޅީސް ނުވަ ކުދިން މިހާރުވެސް މި ކޯސް ފުރިހަމަކުރަމުންއަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.