ޚަބަރު

ރައީސްގެ އަނބިކަނބަލުންނަށް ދިއްދޫއިން ހޫނު މަރުޙަބާއެއް


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ދިއްދޫއަށް ވަޑައިގެން އެރަށުގެ އިސްރަށްވެހިންނާއި ބައްދަލުކޮށް ހާލު ބައްލަވައިފިއެވެ.

އެކަމަނާގެ މި ދަތުރުފުޅަކީ، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި އެކި ގޮތްގޮތުން އެހީތެރިކަމަށް ބޭނުންވެފައިތިބި މީހުންގެ ހާލަތު ކައިރިން ބެއްލެވުމަށް އެކަމަނާ ފައްޓަވާފައިވާ އެންމެ ގާތުން ކެމްޕެއިންގެ ދަށުން ކުރައްވާ ދަތުރުފުޅެކެވެ.

މިއަދު ހަވީރު އެކަމަނާ ދިއްދޫއަށް ވަޑައިގަތުމުން ދިއްދޫގެ ރައްޔިތުން ވަނީ އެކަމަނާއަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ދިއްދޫއަށް ވަޑައިގެން އެކަމަނާ ވަނީ އެރަށުގެ އިސްރަށްވެހިންނާއި ރަށުކައުންސިލާއި އަތޮޅު ކައުންސިލް އަދި ދިއްދޫގައިހުރި ސަރުކާރުގެ އެކި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި އެ މުއައްސަސާތަކަށް ދިމާވެފައިވާ ދަތިތަކާ އެބޭފުޅުންގެ ޝަކުވާތައް އެކަމަނާ ވަނީ އައްސަވާފައެވެ.

އެންމެ ގާތުން ކެމްޕެއިންގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އިއްޔެ ވަނީ ރ. މަޑުއްވަރީ އަށާއި ރ. މީދޫއަށް ވަޑައިގެންފައެވެ. މި ދަތުރުފުޅު ނިންމާލެއްވުމަށްފަހު މާދަމާގެ ވަގުތެއްގައި އެކަމަނާ އެނބުރި މާލެ ވަޑައިގަންނަވާނެއެވެ.