ޚަބަރު

"އައްޑޫ ފެނުގެ ޚިދުމަތަށް އަގު ނަގާނީ އެހެން ރަށްތަކާ އެއްވަރަށް"


އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ބިލްކޮށްގެން ދޭން ފަށާއިރު، މި ޚިދުމަތްދެނީ ޓެރިފް ރޭޓް ބޮޑުކޮށްކަމަށް ބައެއް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތައް ފެނަކަ ކޯޕަރޭޝަނުން ދޮގުކޮށްފިއެވެ.  

އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމްގެ މަސައްކަތް ނިމި ރަސްމީކޮށް ޚިދުމަތް ދިނުމުގެ ލައިސަސަންސް ފެނަކަ ކޯޕަރޭޝަނަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީ.ޕީ.އޭ އިންވަނީ ދެއްވާފައެވެ.

އައްޑޫ ސިޓީގެ ފެނުގެ ނިޒާމްގެ މަސައްކަތް ނިމި އެ ޚިދުމަތް މީގެ އަހަރެއްހާ ދުވަސްކުރިން ދޭން ފަށާފައިވީނަމަވެސް، އެ މުއްދަތުގައި، މި މަޝްރޫޢުގެ މަސައްކަތުގެ ދަށުން ހައްލުކުރަންޖެހޭ ބައެއް ކަންކަން ކުރުމާއި، ޚިދުމަތް އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް ކޮށްފައިވާތީ އެ މުއްދަތުގައި އައްޑޫސިޓީގެ ބޮޑުބަޔަކަށް ފެން ފޯރުކޮށްދީފައި ވަނީ މުޅިން ހިލެއެވެ.

ނަމަވެސް މި މަހުގެ 25 ފެށިގެން ބިލްކޮށްގެން ފެނުގެ ޚިދުމަތް ދިނުމަށް ނިންމައި އެކަން އެސިޓީގެ ރަށްރަށަށް ފެނަކަ ކޯޕަރޭޝަނުންވަނީ އަންގާފައެވެ.

އައްޑޫސިޓީއަށް ފެނުގެ ޚިދުމަތްދޭން ރަސްމީކޮށް ފަށަނީ ޓެރިފް ރޭޓް ބޮޑުކޮށްކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތައް ފެނަކަ ކޯޕަރޭޝަނުން ވަނީ ދޮގުކޮށްފައެވެ. ފެނަކަ ކޯޕަރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޯޕަރޭޝަނުގެ ޑެޕިއުޓީ ޑިރެކްޓަރ އަހްމަދު ނަޖާޙް ވިދާޅުވީ، ފެނަކައިން އައްޑޫސިޓީގެ ރަށްތަކަށް ފެނުގެ ޚިދުމަތްދޭން ބިލްކުރަނީ މާލެ ފިޔަވައި އެހެން ހުރިހާރަށެއްގައިވެސް އެ ޚިދުމަތް ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ޓެރިފް ރޭޓާއި އެއްވަރަށްކަމަށެވެ. އަދި އެއީ ދެހާސް ނުވަވަނަ އަހަރުން ފެށިގެން ރާއްޖޭގައި ފެނުގެ ޚިދުމަތްދޭން ފަށާ ކޮންމެ ރަށެއްގައިވެސް، އެމް.ޑަބްލިއު.އެސް.ސީ އާއި ފެނަކަ ކޯޕަރޭޝަނުންވެސް ނަގަމުން އަންނަ ރޭޓު ކަމަށް ނަޖާހް ވިދާޅުވިއެވެ.

އެގޮތުން ފެނުގެ ޓެރިފް ރޭޓުގައިވާ ގޮތުގެ މަތިން ފުރަތަމަ ބޭންޑަށް ފެނަކައިން ނަގަނީ 65 ރުފިޔާއެވެ. ފުރަތަމަ ބޭންޑަކީ ދުވާލަކަށް ސަތޭކަ ލީޓަރުގެ މަގުން ޓަނަކަށް 65 ރުފިޔާއެވެ. މިރޭޓުން މަހެއްގެ މައްޗަށް ތިން ޓަނު 65 ރުފިޔާއަށް ލިބިގެންދާނެއެވެ. ތިންޓަނަށްވުރެ އިތުރުވެއްޖެނަމަ ދެވަނަ ބޭންޑަށް ބަދަލުވާނެއެވެ. ދެވަނަ ބޭންޑަށް ނަގަނީ 75 ރުފިޔާއެވެ. އަދި ހަ ޓަނަށްވުރެ އިތުރުވެއްޖެނަމަ ތިންވަނަ ބޭންޑަށް ބަދަލުވާނެއެވެ. ތިންވަނަ ބޭންޑަށް ނަގަނީ 100 ރުފިޔާއެވެ.

ޓެރިފް ރޭޓް ކަނޑައެޅުމުގައި ބަލާ މިންގަނޑުތަކުގެ ތެރޭގައި އެތަނެއްގައި ފެން ބޭނުންކުރާ ނިސްބަތަށް ވަރަށް ބޮޑަށް ބަލަމުންދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން މާލެއާއި އަތޮޅުތަކުގެ ރަށްތަކުގައި ފެންބޭނުންކުރާ ނިސްބަތް ވަރަށް ބޮޑަށް ތަފާތުވުމުން މިފަދަ ބަދަލުތައް ފެންނާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ. އަދި ބައެއް ރަށްރަށަށް ފެނުގެ ޚިދުމަތް ދިނުމުގައި ވިޔަފާރީގެ ގޮތުން އެކުންފުންޏަށް ގެއްލުންވިނަމަވެސް އެޚިދުމަތް ދެނީ އެއީ ރައްޔިތުންނާއި ގުޅިފައިވާ އަސާސީ ޚިދުމަތަކަށްވުމުންކަމަށް ފެނަކައިން ބުނެއެވެ.

2010 ވަނަ އަހަރު އޭރުގެ ސަދަން ޔޫޓިލިޓީސް ލިމިޓެޑާއި، އިނގިރޭސި ވިލާތުގެ ބައިވޯޓަރ އިންޓަރނޭޝަނަލް ލިމިޓެޑާއި ދެމުދެ ވެވުނު އެއްބަސްވުމެއްގެ ދަށުން ތައްޔާރުކުރެވުނު ޑިޒައިނަކަށް އައްޑޫ ސިޓީގެ ރަށްރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ މަޝްރޫޢުގައި އޭރު ނުހިމެނޭ އަދި މިހާރު އަލަށް މީހުން ދިރިއުޅެން ފަށާފައިވާ ސަރަހައްދުތަކުގައި ހޮޅި ވަޅުލުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން މިހާރުވެސް އަނަންނަނީ ކުރަމުންނެވެ. އަދި އޭރުގެ ޑިޒައިންގައި ހުރި ބައެއްކަންކަން ކަމާގުޅުހުން ހުރި ފަރާތްތަކުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ބަދަލުކޮށް އައްޑޫގެ ފެނުގެ ވިއުގައި އެކަށީގެންވާފަދަ ރަނގަޅުފެންވަރަކަށް މިހާރުވަނީ ތަރައްޤީކޮށްފައެވެ.