ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މައި 3 ތަނބުގެ ވީ-ޝޭޕްގެ ކޮންކްރީޓް މަސައްކަތް އަންނަމަހު ތެރޭގައި ނިންމާލެވޭނެ ކަމަށް މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ޒަންގް ލިޒޯންގއާއެކު ބްރިޖުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިނިސްޓަރ މުއިއްޒު ވިދާޅުވީ ބްރިޖުގެ ހުރިހާ މަސައްކަތެއްވެސް ކުރިއަށްދަނީ ތާވަލާ އެއްގޮތަށް ބާރު ދުވެލީގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ބްރިޖުގެ މައި 3 ތަނބުގެ ވީ ޝޭޕްގެ ކޮންކްރީޓް މަސައްކަތް އެއްފަހަރާ ކުރިއަށްދާ ކަމަށާއި އަދި ކުރިއަށް އޮތް އޮކްޓޫބަރު މަހުގެ ވިހި ހިސާބުގައި ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. ހަމައެއާއެކު މާލޭގައި ހަދާފައިވާ ބްރިޖް ވިއު މެދުވެރިކޮށް ނޮވެމްބަރު މަސްތެރޭގައި ތަނބުތަކުގެ ކޮންކްރީޓް ކުލައާއެކު ފެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
img:http://s4.psmnews.mv/images/660x400/15059183144772.jpg|ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕްގެ މަސައްކަތް ބައްލަވާލެއްވުމަށް މިނިސްޓަރ މުއިއްޒުއާއި ޗައިނާ ސަފީރު ބްރިޖު ސައިޓުގައި / ފޮޓޯ: ޕީއެސްއެމް
މި މޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ހުޅުލޭ ކޮޅުގައި ހަދަމުން އަންނަ ތަނބުތަކުގެ މަސައްކަތްވެސް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.
ބްރިޖުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށްފަހު ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ޒަންގް ލިޒޯން ވިދާޅުވީ މި މަސައްކަތުގެ ސަބަބުން ޗައިނާއާ ރާއްޖޭގެ ގުޅުން ކުރިއަށް އޮތްތަނުގައި މިހާރަށްވުރެ ބޮޑަށް ބަދަހިވެގެންދާނެ ކަމަށާއި އަދި މި މަޝްރޫއުގެ ސަބަބުން ދެ ޤައުމުގެ އިޤްތިސާދަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށެވެ.
ސަފީރު ވިދާޅުވީ މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވާ ތާރީޚަށް އެންމެ ފުރިހަމަ ގޮތުގައި ނިންމާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރަށްދޭ ކަމަށެވެ.
ސަފީރު ވަނީ ބްރިޖުގެ މަސައްކަތް ހިނގާގޮތް ބައްލަވާލެއްވުމަށް ހައުސިން މިނިސްޓަރާއެކު ވަޑައިގެންނެވުމަކީ އުފާކުރައްވާ ކަމެއް ކަމަށް ވިދާޅުވެ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.