ޚަބަރު

ރޮހިންޔާ މުސްލިމުންނަށް ދޭ އަނިޔާތަކާމެދު ފިޔަވަޅު އަޅަންޖެހޭ


ރޮހިންޔާ މުސްލިމުން ކުރިމަތިލަމުންދާ ލާއިންސާނީ އަނިޔާތަކުން އެމީހުން ސަލާމަތްކުރުމަށް، ވީ އެންމެ އަވަހަކަށް ފިޔަވަޅު އެޅުމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑރ މުހައްމަދު އާސިމް ބައިނަލްއަޤްވާމީ މުޖްތަމަޢުއަށް ގޮވާލައްވައިފިއެވެ. 

ފޮރިން މިނިސްޓަރ މިކަމަށް ގޮވާލެއްވީ އދގެ އާއްމު މަޖިލީހުގެ ހަވާސާގައި، ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢުއަށް ގޮވާލުމަށް އޯއައިސީން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. 

މިނިސްޓަރގެެ ވާހަކަފުޅުގައި ރޮހިންޔާ މުސްލިމުންނާމެދު ހިންގާ އަނިޔާވެރި، ލާއިންސާނީ އަމަލުތަކާމެދު ރާއްޖޭއިން އިންތިހާއަށް ކަންބޮޑުވާކަމަށް ވިދާޅުވިއެވެ. އަދި މިޔަންމާ ސަރުކާރުން ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ ޤާނޫނުތަކަށް އިޚްތިރާމްކޮށް، އދ އާއި އެހެނިހެން ޖަމްއިއްްްޔާތަކުން ރޮހިންޔާއަށް އެހީވުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށްވެސް މިނިސްޓަރ އާސިމް ގޮވާލެއްވިއެވެ.