ކުޅިވަރު

ބޮޑު މޮޅަކާއިއެކު ޑޯޓްމުންޓް ތާވަލްގެ އެއްވަނައަށް


ޖަރުމަނު ބުންޑަސް ލީގާގައި ރޭ ތަފާތު ބޮޑުކޮށް ބޮރޫޝިއާ ޑޯޓްމަންޑް މޮޅުވެ ތަވާލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ. 

އެފްސީ ކޮލޯން އާ ދެކޮޅަށް ޑޯޓުމަންޑް ރޭ ކުޅުނު މެޗް އެޓީމުން ކާމިޔާބުކުރީ ފަހެއް ސުމެއްގެ ބޮޑު ތަފާތަކުންނެވެ. 

މެޗުގެ ފުރަތަމަ ހާފުގައި ޑޯޓުމަންޑްގެ ފުރަތަމަ ލަނޑު ޖަހައިދިނީ މެކްސިމިލިއަން ޕިލިޕެވެ. ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސޮކްރާޓިސް ޕަޕަސްތަތޮޕޫލުސްއެވެ. 

ޑޯޓްމަންޑްގެ ތިންވަނަ ލަނޑާއި ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އައުބަމެޔަންގއެވެ. ތިންވަނަ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން އޭނާ ޖެހި ލަނޑެކެވެ.  ބޮރޯޝިއާ ޑޯޓްމަންޑްގެ ފަހު ލަނޑު މެޗްގެ 69 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ޕިލިޕެވެ. 

މި ނަތީޖާއާއެކު 10 ޕޮއިންޓާއެކު ގޯލްގެ ތަފާތުން ޑޯޓްމަންޑް ވަނީ ތާވަލްގެ އެއްވަނަ ޖެހިލާފައެވެ. ދެވަނަގައި ހެނޯވާ އޮތް އިރު ތިން ވަނައިގައި އޮތީ ޗެމްޕިއަން ބަޔާން މިޔުނިކެވެ.