ތަރައްްޤީ

ކޮޓީނިއޯ އެނބުރި އަޔަސް މެޗު އެއްވަރުވުމުން ކްލޮޕް ރުޅިއަތުވެއްޖެ


ފިލިޕް ކޮޓީނިއޯ ޕްރެމިއާ ލީގުގެ އާސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ ބާންލޭއާ ދެކޮޅަށް ލިވަޕޫލް މޮޅަށް ކުޅުނު ނަމަވެސް މެޗު އެއްވަރުވުމުން ކޯޗު ޔާގެން ކްލޮޕް ރުޅިއަތުވެއްޖެއެވެ.

މުހައްމަދު ސަލާހް ޖަހައިދިން ލަނޑުން ލިވަޕޫލް ފަހަތުން އަރައި 1-1 ން އެއްވަރު ކުރި މެޗުގައި ލިވަޕޫލް ވަނީ ގޯލަށް 35 ބޯޅަ ފޮނުވާލައިފައެވެ. މިއީ 2004ގެ ފަހުން ލިވަޕޫލުން ގޯލަށް އެންމެ ގިނަ ބޯޅަ ޖެހި މެޗެވެ.

ކޯޗު ކްލޮޕް ބުނީ ނަތީޖާއާމެދު އޭނާ ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައި ކަމަށާއި ނަމަވެސް އޭނާ ކޯޗުކޮށްދޭން ފެށިފަހުން މިއީ ބާންލޭއާ ދެކޮޅަށް ލިވަޕޫލް އެންމެ މޮޅަށް ކުޅުނު މެޗުކަމަށެވެ. ކްލޮޕް ބުނީ ކުޅުން ކިތަންމެހާ ވެސް ރަނގަޅު ކަމަށާއި، މެޗުގައި ގޯލުގެ ތެރެއަށް ބޯޅަފޮނުވާލުން ފިޔަވައި އެހެން ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ކުރެވުނު ކަމަށެވެ.

މި މެޗު އެއްވަރުވުމުން ލިވަޕޫލް އޮތީ 8 ޕޮއިންޓާއެކު ޓޭޭބަލުގެ އަށް ވަނާގައެވެ. ބާންލޭ އޮތީ އަށް ޕޮއިންޓާއެކު ހަތް ވަނާގައެވެ. މިއީ އެއްވަނާގައިވާ މެންޗެސްޓާ ސިޓީއަށްވުރެ ފަސް ޕޮއިންޓް މަދު އަދަދެކެވެ.

ބާންލޭގެ ކޯޗު ސީން ޑައިޗް ބުނީ ގަދަފަދަ މޮޅު ޓީމަކާއެކު ކުޅޭއިރު އޭނާގެ ޓީމު ކުޅެންޖެހެނީ އެންމެ އަދައިގެ ފުޓްބޯޅަ ކަމަށާއި މިފަދަ މެޗުތަކުން ޕޮއިންޓެއް ލިބެނީ ނަސީބުވެސް އެހީވެގެން ކަމަށެވެ.