ތިމާވެށި

އިންޓަރނޭޝަނަލް ކޯސްޓަލް ކްލީން އަޕް ޑޭ ފާހަގަކޮށްފި


"އިންޓަރނޭޝަނަލް ކޯސްޓަލް ކްލީން އަޕް ޑޭ" ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ގިނަ ސަރައްހަދުތަކެއްގައި ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ހިންގާ މި ހަރަކާތުގައި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީއާއި، ރެޑް ކްރެސެންޓާއި މީރާ އަދި އެމް.އެން.ޑީ.އެފާއި ފުލުހުންގެ އިތުރުން އިތުރުން އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތައްވެސް ބައިވެރިވެފައިވެއެވެ.

img:http://s1.psmnews.mv/images/660x400/15055689679270.jpg|އިންޓަރ ނޭޝަނަލް ކޯސްޓަލް ކްލީން އަޕްޑޭ ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން / މިހަރަކާތުގެ އެކި އެކި މުއައްސަސާތަކުން ވަނީ ބައިވެރިވެފައި

ހުޅުމާލޭގައި ކުރިއަށްގެންދިޔަ ސާފުކުރުމުގެ ހަރަކާތުގައި މީރާގެ ގިނަ މުވައްޒަފުން ބައިވެރިވެފައިވާއިރު، މާލޭ ބީއެމް.އެލް ސަރަހައްދުން މަސްމާރުކޭޓް ސަރަހައްދާ ހަމައަށްވީ ހިސާބުގެ ފަޅުތެރެ ސާފު ކުރުމުގައި އެމް.އެން.ޑީ.އެފުން ހަރަކާތްތެރިވެފައިވެއެވެ. އަދި ވިލިމާލޭގައި އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ ސޭވް ދަ ބީޗްގެ ފަރާތުން ބޮޑު އެއްބާރުލުމެއް މި ޙަރަކާތަށް ލިބިގެންދިޔަ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތުދެއެވެ.

img:http://s2.psmnews.mv/images/660x400/15055689798743.jpg|އިންޓަރ ނޭޝަނަލް ކޯސްޓަލް ކްލީން އަޕްޑޭ ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން / މިހަރަކާތުގެ އެކި އެކި މުއައްސަސާތަކުން ވަނީ ބައިވެރިވެފައި

މި ހަރަކާތް ފެށުމުގެ ގޮތުން ހުޅުމާލޭ ބާބަކިޔު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރިކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ޒިޔާދުއެވެ. މި ރަސްމިއްޔާތަށްފަހު މީޑިޔާއަށް މަޢުލޫމާތުދެމުން ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ޒިޔާދު ވިދާޅުވީ، ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ ފަހަތުގައި، ނޭދެވޭ ގޮތުގައި އުކާލެވެ ކުނި ބޮޑު ރޯލެއް ކުޅޭކަމަށެވެ. އަދި މީގެ ތެރެއިން ބައެއް ޒާތުގެ ކުންޏަކީ އެތައް އަހަރެއް ވަންދެން ހަލާކު ނުވެ ހުންނަ ޒާތުގެ ކުނިކަން ޒިޔާދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފަތުރުވެރިކަމާއި މަސްވެރިކަމަށް ވެސް ކުނީގެ ސަބަބުން ބޮޑު އަސަރެއް ކުރާކަން އޭނާ ފާހަގަ ކުރެއްވިއެވެ.