އިރާޤުގެ ކުރުދީ ސަރަހައްދުގައި މިނިވަން ދައުލަތެއް ޤާއިމުކޮށްފިނަމަ އެކަމުގެ ސަބަބުން އުފެދޭނެ މައްސަލަތަކާ ކުރިމަތިލުމަށް ކުރުދީންގެ ލީޑަރުން ތައްޔާރަށް ތިބެން ޖެހޭނެކަމަށް އިރާޤުގެ ޚާރިޖީ ވަޒީރު އިބްރާހިމް ޢަލް ޖައުފަރީ ވިދާޅުވެއްޖެއެވެ.
އިރާޤުގެ ކުރުދީން ކޮންޓްރޯލްކުރާ ސަރަހައްދުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ބާއްވާ ފެންނަ ނުފެންނަ ވޯޓު މިމަހުގެ ތެރޭގައި ނަގާނެއެވެ. މިސްރުގެ ޤާހިރާގައި ބޭއްވި ޢަރަބި ލީގުގެ ބައްދަލުވުމުގެ ހަވާސާގައި ރޮއިޓަރސް އަށް ދެއްވި ބަސްދީގަތުމެއްގައި އިރާޤުގެ ޚާރިޖީ ވަޒީރު އިބްރާހިމް ޢަލް ޖައުފަރީ ވިދާޅުވީ، ކުރުދީ ސަރަހައްދުގައި މިނިވަން ދައުލަތެއް އިއުލާނުކުރުމުގެ ކުރިން މިކަމާ މެދު ރަނގަޅަށް ވިސްނުމަށް ކުރުދީ ލީޑަރުންނަށް ގޮވާލައްވާކަމަށެވެ. އަދި ކުރުދީ ސަރަހައްދުގައި މިނިވަން ދައުލަތެއް އިޢުލާނުކުރާ ފަރާތަކުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެކަމަށާއި، މިނިވަން ދައުލެއް އިއުލާނުކުރުމަކީ ކޮންމެ ބަޔަކަށް ވެސް ކުރެވިދާނެ ކަމެއް ކަމުގައިވާނަމަވެސް އޭގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދުމަކީ ކޮންމެ ކޮންމެ ބަޔަކަށް ކުރެވޭނެ ކަމެއް ނޫންކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ޢަލް ޖައުފަރީ ވިދާޅުވީ އިރާޤުގެ މައި ސަރުކާރުން މި ކަމުގައި ބޭނުންވަނީ މަޝްވަރާތައް ކުރުމަށް ކަމަށާއި ޢަރަބި އެހެން ގައުމުތަކުގެ އެހީ މިކަމުގައި އިރާޤު ސަރުކާރަށް ލިބެމުންދާކަމަށެވެ. މިހަފުތާގައި ޤާހިރާގައި ބޭއްވި ޢަރަބި ލީގުގެ ބައްދަލުވުމަށްފަހު ނެރުނު ޤަރާރެއްގައި ޢަރަބި ލީގުން ބުނެފައިވަނީ، ކުރުދީންގެ މިނިވަން ދައުލަތެއް އުފެއްދުމަށް މިމަހުގެ ފަހުކޮޅު ނަގާ ފެންނަ ނުފެންނަ ވޯޓަކީ ދުސްތޫރީ ގޮތުން ސައްޙަ ވޯޓެއް ނޫންކަމަށެވެ.
1991 ވަނަ އަހަރު ހިނގި ފުރަތަމަ ގަލްފް ހަނގުރާމައަށްފަހު އިރާޤުގެ އުތުރުގެ ސަރަހައްދު އޮންނަނީ އެ ގައުމުގެ ކުރުދީން ވަކިން ވެރިކަންކުރާ ސަރަހައްދެއްގެ ގޮތުގައެވެ. އަދި 2003 ވަނަ އަހަރު އެމެރިކާއިން އިސްވެ އިރާޤަށް އަރާ ކުރި ހަނގުރާމައިގައި އޭރުގެ ރައީސް ސައްދާމް ހުސައިންގެ ވެރިކަން ވައްޓާލިފަހުން އިރާޤުގެ އެހެން ސަރަހައްދުތަކުގައި ހަނގުރާމަވެރި ޖަމާޢަތްތައް ހަރަކާތްތެރިވެ ހަމަލާތައް ދީފައިވާ ނަމަވެސް އިރާޤުގެ ކުރުދީ ސަރަހައްދުގައި ވަނީ ހަމަޖެހުން ޤާއިމުކޮށްފައެވެ.
އިރާޤުގެ މައި ސަރުކާރުން ވަކިވެ ކުރުދީ ސަރަހައްދުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމުގެ ގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓު މިމަހުގެ 25 ވަނަ ދުވަހު ނަގާއިރު، އިރާޤުގެ މައި ސަރުކާރުން މި ކަމާ ދެކޮޅު ހަދައެވެ. އަނެއްކޮޅުން އިރާޤުގެ އަވަށްޓެރި ގައުމުތައް ކަމަށްވާ އީރާނާ، ތުރުކީ އަދި ސޫރިޔާއިންވެސް މި ފެންނަ ނުފެންނަ ވޯޓާ ދެކޮޅު ހަދައެވެ.
ހުޅަނގުގެ ބާރުތަކުން ބުނަނީ އިރާޤުގެ ކުރުދީ ސަރަހައްދުގައި މިނިވަން ދައުލަތެއް ޤާއިމުކޮށް އިރާޤުގެ އުތުރުގެ ސަރަހައްދުތައް ވަކިކުރުމުން އެ ގައުމުގައި ނުރައްކާތެރި އައި.އެސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ދޭ އަހައްމިޔަތުކަން ކުޑަވެގެންދާނެ ކަމަށެވެ.
އިރާޤުގައި ހަރަކާތްތެރިވާ އައި.އެސް ހަނގުރާމަވެރިން އެ ޤައުމުން ނައްތާލުމަށް އިރާޤުގެ އަސްކަރިއްޔާއިން ހިންގަމުންދާ އޮޕަރޭޝަންތައް ނިމުމަކަށް އައުމާ ގާތްވެފައިވާއިރު، އައި.އެސްގެ ބެލުމުގެ ދަށުގައިވާ މުހިއްމު ދެ ރަށެއް ކަމަށްވާ މޫސަލް އަދި ތަލްޢައަފަރް އިރާޤުގެ އަސްކަރިއްޔާއިން ވަނީ ދާދި ފަހުން މިނިވަންކޮށްފައެވެ. އައި.އެސްއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ކުރުދީ ހަނގުރާމަވެރިން ވެސް ބައިވެރިވެއެވެ.