ކުޅިވަރު

މާޒިޔާ ގްރީން މެޗުގެ ރެފްރީ ސަސްޕެންޑްކޮށް، އަމީޒު ވަކިކޮށްފި


އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ރޭ ކުރިއަށް ނުގެންދެވިގެން ހުއްޓާލި މާޒިޔާއާއި ގްރީން ސްޓްރީޓް ވާދަކުރި މެޗުގެ ދެވަނަ ހާފްގައި އިންސާފްކުރި ރެފްރީ މުޙައްމަދު ނިއުޝާދު ސަސްޕެންޑްކޮށްފިއެވެ.

ރެފްރީ ގްރީން ސްޓްރީޓްގެ ބިދޭސީ ކުޅުންތެރިޔާ އިލިއާއަށް ދެއްކި ރީނދޫ ކާޑަކާމެދު ހިތްހަމަ ނުޖެހި، މައްސަލަ ހޫނުވެ މެޗު ކުރިއަށް ނުގެންދެވިގެން ހުއްތާލި މެޗަށްފަހު މިއަދު ހަވީރު އެފްއޭއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިއުޝާދު މުޙައްމަދުގެ މައްސަލަތަކެއް ތަކުރާރުކޮށް ގިނަ ކްލަބްތަކަކުން ހުށައަޅާފައިވާކަމަށެވެ. އެހެންކަމުން އެމައްސަލަތައް އެއިދާރާގެ ރެފްރީޒް ކޮމިޓީން ބަލާ، ވަކިގޮތެއް އަންގަންދެން އެސޯސިއޭޝަންގެ މުބާރާތްތަކުގެ މެޗުތަކުގައި ރެފްރީކަން ނުކުރެވޭގޮތަށް ވަގުތީ ގޮތުން ނިއުޝާދު ސަސްޕެންޑްކޮށްފައިވާކަމަށް އެފްއޭއެމްގެ ބަޔާނުގައިވެއެވެ. 

މީގެއިތުރުން އެފްއޭއެމްގެ ރެފްރީޒް ޑިޕާރޓްމަންޓްގެ ހެޑް އަހުމަދު އަމީޒު ވަޒީފާއިން ވަކިކޮށްފައިވާކަންވެސް އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ސަބަބެއްކަމަށް ބުނެފައިވަނީ ރެފްރީޒް ޑިޕާރޓްމަންޓްގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެފްއޭއެމްގެ އިދާރީ އޮނިގަނޑު މުރާޖަޢާކޮށް އަލުން އެކުލަވާލުމަށް ހަމަޖެހިފައިވާތީ ނިންމި ނިންމެވުމެއްކަމަށެވެ.

ރޭގެ މެޗު މެދުކަނޑާލުމުން ގްރީން ސްޓްރީޓުން ބުނެފައިވަނީ ރެފްރީ މުޙައްމަދު ނިއުޝާދު އިންސާފްކުރާ މެޗެއް ކުޅެން ބޭނުން ނުވާކަމަށެވެ. ރެފްރީންގެ ޝަކުވާތައް ކްލަބްތަކުން އަންނަނީ ތަކުރާރުކޮށް ކުރަމުންނެވެ.