ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯސް ޖަޕާނަށް


"ޖަޕާން ކޯސްޓްގާޑް ގްލޯބަލް ސަމިޓް" ގައި ބައިވެރިވެވަޑައިގަތުމަށް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް، ޖަޕާނަށް ފުރާވަޑައިގެންފިއެވެ.

ޖަޕާންގެ ޓޯކިޔޯގައި މިމަހުގެ 11 އިން 14 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ސަމިޓަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، މެރިން އެންވާރަމެންޓް ޕްރޮޓެކްޝަނާއި ގުޅުން ހުރި ކަންތައްތަކާއި މެދު މަޝްވަރާކުރެއްވުމަށް ބޭއްވޭ ސަމިޓެކެވެ. "ޖަޕާން ކޯސްޓްގާޑް ގްލޯބަލް ސަމިޓް" ގައި 36 ޤައުމެއްގެ އިތުރުން ބޭރުގެ ބައެއް ޖަމްޢިއްޔާތަކުންވެސް ބައިވެރިވެއެވެ.

މި ސަމިޓުގައި ކޯސްޓްގާޑް ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ޗީފް އޮފް ޑިފެންސް ފޯސް އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ  ދުވަހުއެވެ.