ޚަބަރު

ރޮހިންޔާ މުސްލިމުންނަށް އެހީވާން ކުޑަކުދިންގެ ހަވީރެއް ބާއްވައިފި


މިޔަންމާގެ ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ގަލޮޅުގެ ރައްޔިތުންނާއި ޔޫތު ލީޑާސް ނެޓްވޯކް ގުޅިގެން ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

ހާލުގައި ޖެހިފައިވާ ރޮހިންޔާ މުސްލިމް ދަރިކޮޅަށް އެހީވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚާއްސަ ހަރަކާތްތައް ފަށާފައިވާއިރު، އެފަރާތްތަކަށް އެހީވުމަށް ގިނަ އަދަދަކަށް ފަންޑުފޮށިތައްވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވަނީ ބަހައްޓާފައެވެ. ގަލޮޅު ގާކޮށީގައި އަލަށް ހެދި ފްލެޓުގެ ގޯތި ތެރޭގައި ބޭއްވި ހަވީރުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ބައިވެރިވެ ވަޑައިގެންނެވިއިރު، އެކަމަނާ ވަނީ ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ބަހައްޓާފައި ހުރި ފަންޑުފޮއްޓަށް އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.

img:http://s1.psmnews.mv/images/660x400/15048812540466.jpg|ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ބޭއްވި ކުޑަކުދިންގެ ހަވީރުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް / ފޮޓޯ: ޕީއެސްއެމް ނިއުސް

މި ހަވީރުގައި ސަރުކާރުގެ އެކި ވުޒާރާތަކުގެ އިސްވެރިންނާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދުގެ އިތުރުން މަޖިލިސް މެމްބަރުންނާއި ގިނަ އަދަދެއްގެ ބެލެނިވެރިން އަދި ކުޑަކުދިންވެސް ވަނީ ބައިވެރިވެ، ފަންޑުފޮއްޓައް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ޚާއްސަ ހަރަކާތާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ނައިބު އަހުމަދު ސަލީމް ވިދާޅުވީ ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށްގެންދާ ހަރަކާތަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ކަމަށެވެ. ސަލީމް ވިދާޅުވީ މިހަރަކާތް ހުއްޓާނުލައި އަންނަ ހަފްތާގެ ހުކުރު ހޮނިހިރާއި ހަމައަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ހާއްސަ ޙަރަކާތްތައް ފަށައިގެން ކުރިއަށްދާއިރު، މާލޭގެ އެކި ސަރަޙައްދުތަކުގައިވެސް ފަންޑުފޮށިތައް ވަނީ ބަހައްޓާފަ. އެގޮތުން ހެންވޭރުކޮޅު އާޓިފިޝަލް ބީޗާއި ރަސްރަނި ބަގީޗާއާއި ރަސްފަންނު ސަރަހައްދުގައިވެސް ވަނީ ފަންޑުފޮށިތައް ބަހައްޓާފައެވެ.

img:http://s1.psmnews.mv/images/660x400/15048812194327.jpg|ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް ނިއުސް

މިކަމާ ގުޅޭގޮތުން އިސްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ ރޮހިންޔާ މުސްލިމުންނަށް ދިމާވެފައިވާ ހިތްދަތި ކަމުގައި ދިވެހިން ބައިވެރިވުމަކީ އެފަރާތްތަކަށް ލިބިގެންދާނެ ހިތްހަމަޖެހުމަކާއި ހިތްވަރެއް ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އިސްލާމްދީން ބާރުއަޅާ ކަމެއް ކަމަށްވެސް އަހުމަދު ރަޝީދު ވިދާޅުވިއެވެ.

ގަލޮޅުގައި ކުރިއަށްގެންދިޔަ ހަވީރުގައި ކުޑަކުދިންނާއި ގުޅޭ ތަފާތު ގިނަ ކުޅިވަރުތަކާއިއެކު އަކަސަކަ ބޭންޑުގެ ލަވަތަކެއްވެސް ވަނީ ހުށަހަޅާފައެވެ.