ދުނިޔެ

ރޮހިންޔާއަށް އަޅާނުލާތީ ތުރުކީން ކަންބޮޑުވުންފާޅުކޮށްފި


ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ސިފައިން ހިންގަމުންގެންދާ ގަތުލްއާންމުތަކާއި ލާއިންސާނީ ޖަރީމާތަކަށް ދުނިޔޭގެ ބޮޑެތި ގައުމުތައް ލޯމަރާލައިގެން ތިބޭ މައްސަލަ ތުރުކީވިލާތުން ކުށްވެރިކޮށްފިއެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ މިޔަންމާގެ ސިފައިން ރޮހިންޔާ މުސްލިމުން ފާޅުގައި ކަތިލައި މަރަމުން ގެންދާއިރު އިންސާނީ ޙައްގުތަކުގެ ނަމުގައި އަޑުގަދަކޮށް ވަކާލާތުކުރާ ގައުމުތަކުގެ އެއްވެސް އަޑެއް ނެތްކަމަށެވެ. އިސްތަންބޫލްގައި ބޭއްވި ޖަނާޒާއެއްގައި ވާހަކަދައްކަވަމުން ދުނިޔޭގެ ލީޑަރުންނަށް އުރުދުޣާން ގޮވާލެއްވީ ރޮހިންޔާ މުސްލިމުންގެ ފުރާނަ ސަލާމަތްކުރުމަށް އެހީތެރިވެދިނުމަށެވެ.

އުރުދުޣާން ވިދާޅުވީ ރޮހިންޔާ މުސްލިމުން ނިކަމެތިވެފައި ފަގީރު ނަމަވެސް އެމީހުންނަށް ކުރިމަތިވެފައިވާ އިންސާނީ ގިލަންވެރިކަމާމެދު ދުނިޔޭގެ ބާރުގަދަ ގައުމުތަކުން އަޅާލަންޖެހޭނެކަމަށާއި އަދި ރޮހިންޔާއިންނަށް ކުރިމަތިވެފައިވާ އަނިޔާވެރިކަމުން އެމީހުން ސަލާމަތް ކުރުމަށްވެސް މަސައްކަތް ކޮށްދޭން ޖެހޭނެކަމަށެވެ. އުރުދުޣާން ވިދާޅުވީ ރޮހިންޔާއިންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ތުރުކީ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހަރަކާތްތެރިވަމުންދާކަމަށެވެ.

އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މިދައުރުގެ ރައީސަކީ އުރުދުޣާންއެވެ. މިޔަންމާ ސިފައިން މިދިޔަ ހަފުތާގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ގަތުލްއާންމުތައް ފެށުމާއެކު އެކަން ހުއްޓުވުމަށްޓަކައި އިސްލާމީ ބައެއް ގައުމުތަކުގެ އިސްވެރިންނާއި ގުޅުއްވަމުން ގެންދެވިކަމަށް އުރުދުޣާން ވިދާޅުވިއެވެ. އަދި މިމައްސަލަ އދ.އަށް ގެންދާނެކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ.

ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހޯމަދުވަހު ވަނީ، އިސްލާމީ ގައުމުތަކަށް މިޔަންމާއާ ދެކޮޅަށް އެޅިދާނެ ފިޔަވަޅުތަކާބެހޭގޮތުން އިސްލާމީ ބައެއް ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ މަޝްވަރާ ކުރައްވާފައެވެ. އަދި އިންޑޮނީޝިޔާގެ ޚާރިޖީ ވަޒީރު ރެތުނޫ މަރްސޫދީ ވަނީ މިޔަންމާއަށް ވަޑައިގެން އެ ގައުމުގެ ލީޑަރުންނާ ބައްދަލުކުރައްވައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާ ސިފައިންނާއި ހަރުކަށި ބުޑިސްޓުން ހިންގާ އަނިޔާވެރި އަމަލުތައް ހުއްޓުވައި ދިނުމަށް އެދި އިލްތިމާސް ކުރައްވާފައެވެ.

ނަމަވެސް އިންޑޮނީޝިޔާގެ ޚާރިޖީ ވަޒީރުގެ އިލްތިމާސްތަކަށް މިޔަންމާގެ ހަރުކަށިވެރިން އަޅާލައްވާފައެއް ނުވެއެވެ. އިސްލާމީ ބައެއް ގައުމުތަކުގެ ރައްޔިތުންވަނީ ރޮހިންޔާ މުސްލިމުންނަށް ކުރިމަތިވެފައިވާ ނިކަމެތި ހާލަތާމެދު ހަމްދަރުދީ ފާޅުކޮށް އެމީހުންގެ ހައްގުގައި ސުލްޙަވެރި ހިނގާލުންތައް ބާއްވާފައެވެ. މިގޮތަށް ރޮހިންޔާއިންގެ ހައްގުގައި ބައެއް ޤައުމުތަކުގެ ޢާއްމު ރައްޔިތުން ވަނީ މުޒާހަރާކޮށްފައެވެ. މި ގައުމުތަކުގެ ތެރޭގައި އިންޑޮނީޝިޔާއާއި، އިންޑިޔާ އާއި ރަޝިޔާގެ އިސްލާމީ ޖުމްހޫރިއްޔާއެއް ކަމަށްވާ ޗެޗްނިޔާ އާއި އެފްރިކާގެ ބައެއް އިސްލާމީ ގައުމުތައް ހިމެނެއެވެ.