ކުޅިވަރު

ކުޅިވަރު ހިންގުމުގެ ދާއިރާއިން ހުސައިން މާސްޓާސް ހާސިލްކޮށްފި


އެގްޒެކްޓިވް މާސްޓަސް އިން ސްޕޯރޓްސް އޮގަނައިޒޭޝަން މެނޭޖްމަންޓުން ވޮލީ ރެފްރީ ހުސައިން މުޙައްމަދު މާސްޓަސް ހާސިލްކޮށްފިއެވެ. 

އެގްޒެކްޓިވް މާސްޓަސް އިން ސްޕޯރޓްސް އޮގަނައިޒޭޝަން މެނޭޖްމަންޓް (މެމޯސް)އިން ހުސެއިން މުހައްމަދު މާސްޓަސް ފުރިހަމަކޮށްފައިވަނީ އެއް އަހަރު ދުވަހުންނެވެ. 

ކޯސް ކުރިއަށް ގެންގޮސްފައިވަނީ ތިން ބަޔަކަށް ބަހާލައިގެން ތިން ޤައުމެއްގައެވެ. އެއީ ނެދަލެންޑްސް، ބޮސްޓްވާނާ އަދި ސުވިޒަލެންޑްގައެވެ. 28 މީހުން ބައިވެރި މިކޯސް ފުރިހަމަކޮށްފައިވަނީ 26 ބައިވެރިންނެވެ. 

މިކޯހަކީ ރާއްޖޭގައި ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމަށް ލިބުނު އޮލިމްޕިކް ސޮލިޑަރިޓީ ސްކޮލަޝިޕެއްކަމަށާއި، ކޯސް ލިބުނީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ އެހީގައިކަމަށް ހުސެއިން މުހައްމަދު ވިދާޅުވިއެވެ.

މާސްޓަސް ހާސިލް ކުރުމަށްފަހު ހުސެއިން މުހައްމަދު ވިދާޅުވީ ކުރިއެކޭ އެއްގޮތަށް ދެންވެސް ފެނިގެންދާނީ ކުޅިވަރުގެ ދާއިރާއިންކަމަށެވެ.

ހުސައިން މުހައްމަދު ވަނީ 8 އަހަރު ދުވަހު ވޮލީބޯޅަ އެސޯސިއޭޝަންގެ ޖެނަރަލް ސެކްޓަރީގެ މަޤާމު އަދާކުރައްވާފައެވެ. ހުސައިން މުހައްމަދަކީ މި ވަގުތު ދުނިޔޭގެ އެންޓި ޑޯޕިން އެޖެންސީ (ވާޑާ)އިން ސައުތު އޭޝިއާ ރީޖަންއަށް ކަނޑައަޅާފައިވާ ރީޖަނަލް މެނޭޖަރެވެ.

2010 ވަނަ އަހަރުގެ ކޮމަންވެލްތް ގޭމްސްގައި ރާއްޖެއިން ބައިވެރިވި ކޮންޓިންޖެންޓްގެ ޗެފް ޑިމިޝަނެއްގެ ގޮތުގައިވެސް ހުސެއިން މުހައްމަދު ވަނީ މަސައްކަތްކޮށްފައެވެ. އަދި މީގެ އިތުރުން އެމްއޯސީން ކުރިއަށްގެންދާ އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމެޓީ ބޭސިކް އެޑްމިނިސްޓްރޭޝަން ކޯސް ރާއްޖޭގައި ކުރިއަށް ގެންދާއިރު، ހުސެއިން މުހައްމަދަކީ އެކޯހުގައި ކިޔަވައިދިނުމުގައި އެންމެ އިސްކޮށް އުޅޭ އެއް ފަރާތެވެ.

މިހާރު ރާއްޖޭގައި އަމަލީ ގޮތުން މަސައްކަތް ކުރާ ބީޗް ރެފްރީންގެ ތެރެއިން ހުސެއިންއަކީ މިވަގުތު ރާއްޖޭގައި ހުރި އެކްޓިވް ހަމައެކަނި އިންޓަރނޭޝަނަލް ބީޗް ރެފްރީއެވެ.