ކުޅިވަރު

އޮޒިލް އޭނާގެ އިހުސާސްތައް ބަންޑުން ކޮށްލައިފި!


ކިތަންމެ ވަރަކަށްވެސް ފާޑުކިޔައި ހެދިދާނެކަމަށާއި ނަމަވެސް ޓީމަށާއި އޭނާއަށް އެހީތެރިވެދިނުމަށް އާސެނަލްގެ ލެޖެންޑުންނާއި ސަޕޯޓަރުންނަށް މެސުޓް އޮޒިލް ގޮވާލައިފިއެވެ.

ޖަރުމަނުގެ ގައުމީ ޓީމު އިއްޔެ ރޭ ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގެ މެޗަށް ފަހު ވާހަކަ ދައްކަމުން އޮޒިލް ބުނީ އޭނާއަށާއި މުޅި ޓީމަށް ވެސް މިއީ އުނދަގޫ ވަގުތެއް ކަމަށެވެ. އަދި ފަހަކަށްއައިސް ދެއްކިފައިވަނީ އެންމެން ހިތްހަމަޖެހޭ ފަދަ ކުޅުމެއްވެސް ނޫން ކަމަށް ގަބޫލުކުރާ ކަމަށެވެ.

އޮޒިލް ބުނީ އޭނާ އަކީ ވެސް ދަނޑުމަތީގައި މަސައްކަތްނުކޮށް ހުންނަ މީހެއް ކަމަށާއި ހަށިގަނޑުގެ ހަރަކާތްތައް ޓީމާ ދުރުކޮށް ހުންނަ ކަމަށްބުނެ، މީހުން މިހާރަކަށް އައިސް މަލާމާތްކުރަމުންދާކަމަށެވެ. އަދި މީގެ އިތުރުން އާސެނަލް އަށް ކުޅޭހިތްނުވާކަމަށް ބުނެ އެތައް ފާޑުކިއުންތަކެއް އޭނާ އަށް އަމާޒުވެފައިވާ ކަމަށެވެ. މިފަދަ ވާހަކަ ދެއްކުމުގައި އާސެނަލްގެ ކުރީގެ ކުޅުންތެރިން ވެސް ބައިވެރިވާ ކަމަށް ބުނެ އޮޒިލް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އޭނާ ބުނީ ލެޖެންޑުން ތިބެންވާނީ އެފަދަ ޝަރަފުވެރި ބައެއްްގެ ގޮތުގައި ކަމަށާއި ފާޑުކިއުމުގެ ބަދަލުގައި އެހީތެރިވެދޭން އޭނާ އެދޭ ކަމަށެވެ.

އާސެނަލްގެ ކުރީގެ ތަރިންގެ ތެރެއިން ކެޕްޓަނުން ކަމަށްވާ ޕެޓްރިކް ވިއޭރާ އާއި ޑެނިސް ބާކެމްޕް އަދި ތިއޭރީ އޮންރީ އަކީ ޓީމަށް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ފާޑުކިޔަމުން އަންނަ ފަރާތްތަކެވެ.

އޮޒިލް ބުނީ މިފަދަ ވާހަކަ ދައްކަނީ އޭނާ ރަނގަޅަށް ނޭނގޭތީ ކަމަށާއި އެހެން ކުލަބަކަށް ދިއުމަށް ނުވިސްނާ ކަމަށެވެ. އަދި އާސެނަލްއާއެކު އެފްއޭކަޕް ކާމިޔާބު ކުރެވުނީތީ ވެސް އޭނާ ފަހުރުވެރިވާ ކަމަށެވެ. އަދި ކުރިމަގުގައި އިތުރު ކާމިޔާބީ ހޯދަން މަސައްކަތް ކުރާނެ ކަމަށްވެސް އޮޒިލް ފާހަގަކުރިއެވެ.

ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮތްއިރު، އާކޮންޓްރެކްޓްގައި އޮޒިލް ސޮއި ނުކުރާތީވެ އޭނާ އަށް މިހަރު ވަނީ އިތުރު ފާޑުކިއުންތަކެއް ވެސް އަމާޒުވެފައެވެ.