ކުޅިވަރު

ސްޓާލިންއަށް ރަތްކާޑު ދެއްކުމުން ގާޑިއޯލާ ރުޅިގަދަވެއްޖެ


ޓީމު މޮޅުކޮށްދިން ލަނޑު ޖެހުމަށްފަހު، ރަހީމް ސްޓާލިން އުފާފާޅުކުރަން ސަޕޯޓަރުންނާ ބައިވެރިވުމަކީ ކުށެއްކަމަށް ބަލާ، ރެފްރީ އޭނާ އަށް ރަތްކާޑު ދެއްކުމުން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ކުރީގެ ކުޅުންތެރިން ރުޅި އަތުވެއްޖެއެވެ.

ޕްރެމިއާ ލީގުގައި ރޭ ބޯނެމައުތު ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައި 2-1އިން ސްޓީ މޮޅުވީ އިތުރު ވަގުތުގައި ސްޓާލިން ޖެހި ލަނޑުންނެވެ. މި ރަތްކާޑުގެ ސަބަބުން އަންނަ މަހު ކުރީކޮޅު ލިވަޕޫލާ ދެކޮޅަށް އޭނާ އަށް ނުކުޅެވޭނެއެވެ.

މިހެންވެ މެޗަށް ފަހު ރުޅިގަދަވެފައި ހުރި ގާޑިއޯލާ ބުނީ ސްޓާލިން ސަސްޕެންޑްކުރި ބަޔަކު އޭނާ އަށް ގުޅައި އެކަން ސާފުކޮށްދޭނެ އެދޭ ކަމަށެވެ. އަދި ލަނޑުޖަހާފައި އުފާފާޅުކުރަން ސަޕޯޓަރުންނާ ބައިވެރިނުވެވޭނަމަ ދަނޑަށް ސަޕޯޓަރުން ވެއްދުމުގެ ބޭނުމެއްނެތް ކަމަށާއި ކުރިމަގުގައިސަޕޯޓަރުން ނެތިވެސް މެޗު ކުޅެން ޖެހިދާނެ ކަމަށެވެ.

ސްޓާލިން އަށް ރަތްކާޑު ދެއްކީ ސަޕޯޓަރުންގެ އޭނާ ވަށާލައި ބޮނޑިވެގަތް ވަގުތުކޮޅަކަށްފަހުގައެވެ. އިނގިރޭސި އެފްއޭއިން ބުނަނީ ކުޅުންތެރިޔާ ސަޕޯޓަރުންނަށް ދައުވަތުދޭން ޖެހޭނީ އޭނާގެ ރައްކާތެރިކަމަށް ބަލާފައި ކަމަށެވެ. ސްޓާލިން ރަތްކާޑު ދެއްކީ އިނގިރޭސި ފުޓްބޯޅަ ގަވާއިދާ ހިލާފަށް އެފަދަ މާހައުލެއްނެތި އޭނާ އެކަން ކުރުމުން ކަމަށެވެ.

ނަމަވެސް ކުރީގެ ފޯވަޑް އެލަން ޝިއަރާ ބުނީ މި މެޗުގެ ރެފްރީ މައިކް ޑީން އަކީ ލަނޑެއްް ޖަހާފައި އުފާފާޅު ކުރުމުގެ ތަޖުރިބާ ދުވަހަކުވެސް ލިބިފައިވާ މީހެއް ނޫންކަމަށާއި ގަވާއިދު ކޮންމެ ގޮތަކަށް އޮތަސް ރެފްރީގެ ނިންމުމަކީ ވަރަށް ބޮޑު ޖޯކެއް ކަމަށެވެ. ޝިއަރާ ބުނީ މިފަދަ ގޮތަކަށް ރެފްރީ މިހާތަނަށް ދަނޑުން ފޮނުވާލި ހަމައެކަނި ކުޅުންތެރިއަކީ ވެސް ސްޓާލިން ކަމަށާއި މިއީ ތާކުންތާކު ނުޖެހޭ ނިންމުމެއް ކަމަށެވެ.

ޕްރިމިއަރ ލީގުގައި ގިނަ މެޗުތަކެއް ކުޅެފައިވާ ކުރީގެ ކީޕަރު މާކް ޝްވާޒާ ބުނީ ރެފްރީންގެ ނިންމުން 100 ޕަސެންޓް ގޯސްކަމަށެވެ. ވެސްޓްހޭމް ކުރީގެ ފޯވަޑް ބޮބީ ޒަމޯރާ އާއި ސިޓީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ ވެސް ބުނީ މިއީ މޮޔަ ނިންމުމެއް ކަމަށާއި މިކަން ގަބޫލު ނުކުރެވޭނެ ކަމަށެވެ.

ޗާލީ ޑެނިއަލްސް ލަނޑު ޖަހާފައިވަނިކޮށް މި މެޗުގައި ސިޓީގެ ފުރަތަމަ ގޯލު ޖެހީ ގެބްރިއަލް ހެސުސްއެވެ. ސްޓާލިން ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައެވެ. އޭނާ ދަނޑުން ފޮނުވާލި ހާދިސާ ހިނގިވަގުތު ސިފައިންގެ މީހަކު ކޮށްޕާލީތީވެ ސިޓީގެ ފޯވަޑް ސާޖިއޯ އަގުއެރޯ އަތުން މިހާރު ވަނީ ބަޔާން ވެސް ނަގާފައެވެ. ފަހަރުގައި އޭނާ އަށް ސަސްޕެންޝަނެއް އައުންވެސް އެކަށީގެންވާކަމަށް އިނގިރޭސި މީޑިޔާތަކުން ރިޕޯޓްކުރެއެވެ.