ކުޅިވަރު

މެސީ ރިއާލްއަށް ސޮއިކުރިކަމަށް ޚަބަރު ފަަތުރައިފި


ރެއާލް މެޑްރިޑުގެ ޓުވިޓާ އެކައުންޓް ހެކްކޮށް، ވާދަވެރި ބާސެލޯނާގެ ތަރި ލަޔޮނަލް މެސީ ރެއާލް އަށް ސޮއިކޮށްފިކަމަށް ޚަބަރު ފަތުރައިފިއެވެ.

ސްޕެއިންގެ ނޫސްތަކުން ބުނާ ގޮތުގައި ރެއާލް މެޑްރިޑުގެ ޓުވިޓާ ހެކްކޮށްފައިވަނީ އަވާމައިން ކިޔާ ގްރޫޕަކުންނެވެ. މި ގްރޫޕުން ޓުވިޓާ ހެކްކޮށް މެސީ ރެއާލް އަށް ގެންދިޔަ ކަމަށް ޓުވީޓްކުރުމާއެކު އެތައް ބަޔަކު ވަނީ އެ ވާހަކަ ރީޓުވީޓްކޮށްފައެވެ. އެ ގޮތުން ފުރަތަމަ 45 މިނިޓްގެ ތެރޭގައި 27،000 މީހުން ވަނީ މެސީ ރެއާލް އަށް ސޮއިކުރި ޚަބަރު ރީޓުވީޓްކޮށްފައެވެ.

އަވާމައިން ގްރޫޕަކީ ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޔޫރަޕުގެ މަޝްހޫރު އެތައް ޓުވިޓާއެކައުންޓެއް ހެކްކޮށްފައިވާ ބައެކެވެ. އެމީހުން ވަނީ ހުސްވި ހަފުތާގައި ބާސެލޯނާގެ ޓުވިޓާ އެކައުންޓް ވެސް ހެކްކޮށްފައެވެ. އެފަހަރު ފަތުރާފައިވަނީ ޕީއެސްޖީ އަށް ކުޅޭ ރެއާލް މެޑްރިޑުގެ ކުރީގެ ފޯވަޑް އެންހެލް ޑިމާރިއާ ބާސެލޯނާ އަށް ބަދަލުވި ވާހަކައެވެ.

ސްޕެނިޝް ލީގުގައި ރޭ އަލަވެޒް އަތުން ބާސެލޯނާ މޮޅުވީ މެސީ ޖަހައިދިން ދެ ގޯލުންނެވެ. ޕެނަލްޓީ އެއް ނަގާލުމަށްފަހު އޭނާ ޖެހި މި ދެ ގޯލާއެކު މެސީ ވެފައިވަނީ ސްޕެނިޝް ލީގުގައި 350 ގޯލު ހަމަކުރި ފަސް ވަނަ ކުޅުންތެރިޔާ އަށެވެ.