ކުޅިވަރު

ރިއާލް، ޑޯޓްމުންޑް އަދި ޓޮޓެންހަމް އެއް ގްރޫޕަކަށް


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޗެމްޕިއަން ރިއާލް މެޑްރިޑް، ޖަރުމަންގެ ބޮރޫޝީޔާ ޑޯޓްމުންޑް އަދި އިނގިރޭސި ކުލަބު ޓޮޓެންހަމް އެއް ގްރޫޕެއްގައި ލައްވާލައިފިއެވެ. ފްރާންސްގެ މޮނާކޯގައި ނެގި ޑްރޯގައި ރިއާލް މެޑްރިޑް، ޑޯޓްމުންޑް އަދި ޓޮޓެންހަމާއިއެކު ގްރޫޕް އެޗްގައި ލައްވާލީ ސައިފްރަސްގެ އަޕޮއެލްއެވެ. 

ގްރޫޕް އެޗްގެ އިތުރުން ގްރޫޕް ބީ، ސީ އަދި ޑީގައިވެސް ފޯރިގަދަ ކުރިމަތިލުންތަކެއް ފެންނާނެއެވެ. ގްރޫޕް ބީގައި ހިމެނޭ އެންމެ ވަރުގަދަ ދެ ޓީމަކީ ބަޔާން މިޔުނިކާއި ފްރާންސްގެ ޕީއެސްޖީއެވެ. މި ދެޓީމާއިއެކު ދެން ވާދަކުރަނީ އެންޑަލެޗް އަދި ސެލްތިކެވެ. 

ގްރޫޕް ސީގައި އިނގިރޭސި ޗެމްޕިއަން ޗެލްސީއާއި ދެކޮޅަށް ނިކުންނާނީ އެތްލެޓިކޯ މެޑްރިޑް، ރޯމާ އަދި ގަރަބަޖެވެ. 

ގްރޫޕް ޑީއަށް ބަލާލާއިރު، މިދިޔަ އަހަރުގެ ފައިނަލްގައި ވާދަކުރި ޔުވެންޓަސް ނިކުންނާނީ ބާސެލޯނާއާއި ދެކޮޅަށެވެ. މި ދެ ޓީމާއިއެކު މި ގްރޫޕްގައި ދެން ހިމެނެނީ ސްޕޯޓިންގ ލިސްބަން އަދި އޮލިމްޕިއާކޯސްއެވެ. 

ޗެމްޕިއަންސް ލީގުގައި އެންމެ ފަސޭހަ ގްރޫޕެއް ލައްވާލީ ދެ އަހަރު ފަހުން ޗެމްޕިއަންސް ލީގުގައި ވާދަކުރާ ލިވަޕޫލްއެވެ. އެޓީމް ހިމެނޭ ގްރޫޕްގައި ދެން ހިމެނެނީ ސްޕާޓަރ މޮސްކޯ، މެރިބޯ އަދި ސެވިއްޔާއެވެ. 

ޔޫރޮޕާ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ޔުނައިޓެޑާއިއެކު ގްރޫޕް އޭގައި ހިމެނެނީ ބެންފީކާ، ބާސެލް އަދި ސީއެސްކޭ މޮސްކޯއެވެ. 

މެންޗެސްޓަރ ސިޓީއަށް މިފަހަރު ލިބުނީ އުނދަގޫ އިމްތިހާނެއް ނޫންނެވެ. އެޓީމާއިއެކު ގްރޫޕް އެފްގައި ހިމެނެނީ ޝަޚްތަރު ދޮނެސްކް، ނަޕޯލީ އަދި ފޭނޫޑެވެ. 

ގްރޫޕް ޖީގައި ހިމެނެނީ މޮނާކޯ، ޕޯރތޯގެ އިތުރުން ބެޝިކްޓާސް އަދި ޖަރުމަންގެ ލީޕްޒިގެވެ.