ކުޅިވަރު

ކުޅުން ބަދަލު ކުރެވިއްޖެ، މިހާރު އޮތީ ނަތީޖާ ނެރުން - ސަމްޕަތު


ނިއުރޭޑިއަންޓްގެ ކުޅުން ބޭނުން ފެންވަރަށް މިހާރު ގެންދެވިއްޖެކަމަށާއި، މިއީ ނަތީޖާ ނެރެން ޖެހޭ ވަގުތުކަމަށް ނިއުރޭޑިއަންޓްގެ އެސިސްޓަންޓު ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) ބުނެފިއެވެ. 

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ނިއުރޭޑިއަންޓް ނިކުންނާނީ މާޅޮހާއި ދެކޮޅަށެވެ. 

މި މެޗަށް އިޝާރާތްކޮށް ނިއުގެ އެސިސްޓަންޓް ކޯޗް ބުނީ މެޗަކަށްފަހު މެޗެއް ނިއުރޭޑިއަންޓުން އަންނަނީ ކުޅުން ރަނގަޅުކުރަމުންކަމަށާއި، މިހާރު ބޭނުންވަނީ ރަނގަޅު ނަތީޖާތަކެއް ނެރެންކަމަށެވެ. މެޗުތަކުން މޮޅުނުވާކަމަށްވާނަމަށް މޮޅަށް ކުޅުމުގެ ބޭނުމެއް ނެތްކަމަށް ސަމްޕަތު ފާހަގަކުރިއެވެ. 

ސަމްޕަތު ބުނީ ލީގުގައި ކުރިއަށްދާން ބަލާއިރު މި މެޗުން ގިނަ ލަނޑުތަކެއް ޖަހައި ޓީމްގެ ޓީމްގެ އިތުބާރު ހޯދުން މުޙިންމުކަމަށެވެ، 

"ނިއުރޭޑިއަންޓްގެ ސްޓައިލް އެއްކޮށް މިހާރު ބަދަލްކުރެވިއްޖެ، ދެން އޮތީ ނަތީޖާ ނެރުމުގެ ބައި. ކޮންމެ މެޗެއްގައިވެސް ބޭނުންވާ ސްޓައިލަށް އެބަ ކުޅެވޭ، ލަނޑު ޖެހުން މިހާރު މުހިންމީ" ސަމްޕަތު ބުންޏެވެ. 

ނިއުރޭޑިއަންޓް މެޗަށް އިޝާރާތްކޮށް މާޅޮހުގެ ކޯޗް އަލީ ނިޝްތާރު ބުނީ ނިއުގެ ކުޅުންތެރިންގެ ފެންވަރު އިނގޭކަމަށާއި، ފަހަތަށް ފައިބައިގެން ޑިފެންސް ކުރުމުގެ ވިސްނުމެއް ނެތްކަމަށެވެ. އޭނާ ބުނީ ޑިފެންސަށް ވިސްނައިގެން ކުޅެން އުޅެފިނަމަ ލަނޑެއް ލިބުން ގާތްކަމަށާއި، މާޅޮސް ނިކުންނާނީ ކުރިން މެޗުތަކުގައިވެސް އެޓީމުން ކުޅުނު ގޭމް ކުޅެންކަމަށެވެ.

"މާޅޮސް ފުރަތަމަ މި ކުޅުނީ މިނިވަން ޗެމްޕިއަންޝިޕްގެ ތިން ޓީމާއި ދެކޮޅަށް، ވަރުގަދަ މެޗުތައް ކުރިއަށް މިއޮތީ. އެކަމަކުވެސް ހަމަ އަހަރުމެން ކުޅޭނީ މޮޅުވާން، ފަހަތަށް ޖެހި ޑިފެންސް ނުކުރާނަން" ނިޝްތާރު ބުންޏެވެ.