ކުޅިވަރު

ކެޕްޓަން ވޭން ރޫނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި


އިންގްލެންޑްގެ ކެޕްޓަން ވޭން ރޫނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ. 

އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ފޯވާޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން މިއަދު އިއުލާންކުރީ ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު އިންގްލެންޑް ކުޅެން ހަމަޖެހިފައި އޮތް ދެ މެޗަށް ކޯޗު ސައުތްގޭޓް ނަގާ ސްކޮޑުން އޭނާއަށް ފުރުސަތުދޭން ނިންމާފައިވަނިކޮށެވެ. 

ގައުމީ ޓީމަށް 53 ލަނޑު ޖަހައިދީފައިވާ ފޯވާޑް ކުޅުން ހުއްޓާލިކަން އިއުލާންކުރަމުން ބުނީ ގައުމީ ޖަރޒީގައި މެޗެއް ކުޅެން ލިބޭ ކޮންމެ ދުވަހަކީ ޚާއްސަ ދުވަހެއްކަމަށާއި، އެކަމަކު މިއީ އޭނާ ގަބޫލުކުރާ ގޮތުގައި ޓީމާއި ދުރަށް ޖެހިލަންވީ ވަގުތުކަމަށެވެ. 

އުމުރުން 31 އަހަރުގެ ފޯވާޑް ގައުމީ ޖާރޒީގައި އެންމެ ފަހުން މެޗެއް ކުޅެފައިވަނީ މިދިޔަ ނޮވެމްބަރު މަހުގައެވެ. އޭނާއަށް ގައުމީ ޓީމުން ފުރުސަތު ގެއްލެން ފެށީ މިދިޔަ ސީޒަންގެ ފަހުކޮޅު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ޚޯސޭ މޮރީނިއޯ އޭނާއަށް ފުރުސަތު އެގާރައިން ފުރުސަތު ނުދޭން ފެށި ހިސާބުންނެވެ. 

އައު ސީޒަންގައި ކުޑައިރުގެ ކުލަބު އެވަޓަންއަށް ބަދަލްވެ ރޫނީ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިގޮތުން ލީގުގައި މިހާތަނަށް އެވަޓަން ކުޅުނު ދެ މެޗުގައިވެސް ރޫނީވަނީ ގޯލް ޖަހާފައެވެ. 

އުމުރުން 17 އަހަރުގައި 2003ވަނަ އަހަރު ގައުމީ ޓީމުން ފުރުސަތު ހޯދި ރޫނީއަކީ ގައުމީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއެވެ. 

މިދިޔަ ސެޕްޓެމްބަރު މަހު އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ރޫނީ ހޯދިއިރު، އޭނާއަކީ އިންގްލެންޑްގެ ގައުމީ ޓީމަށް ދެވަނައަށް އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިޔާއެވެ. މިހާތަނަށް ރޫނީވަނީ 119 މެޗު ގައުމީ ޓީމަށް ކުޅެދީފައެވެ.